23 May 2017, 00:41
މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ކްލަބު އީގަލްސް އަލުން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ލީގު ދެވަނަ ބުރުގެ މެޗުގައި ޔޫވީގެ މައްޗަށް އީގަލްސްއިން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މޮޅާއެކު ކުޅުނު އަށް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރުއަށް އީގަލްސް ޖެހިލިއިރު، ޔޫވީ އޮތީ ކުޅުނު އަށް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތްވަނާގައެވެ. އީގަލްސްއާއި ތިންވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.
މިރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި މުހައްމަދު ނާއިމްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ވެސް އީގަލްސްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫވީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއިން ހުސައިން ސިފާއު މޫސާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 61 ވަނަ މިނެޓުގައި އީގަލްސްއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ސިފާއު ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖުމައިލް ޖަމީލް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އީގަލްސްގެ އެ ހަމަލާ އުފެއްދިތާ ދެ މިނެޓްފަހުން ޔޫވީއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
އީގަލްސްއިން މެޗުގައި ލަނޑުޖަހާ ލީޑު ހޯދީ 66 ވަނަ މިނެޓުގައެވެ. އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އަހްމަދު ނައުފަލެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ ދެ މިނެޓް ތެރޭގައެވެ.
މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.