23 May 2017, 01:42
ކިޔަވައިދިނުމުގެ މަސައްކަތުގައި ބުރަކޮށް އުޅެމުންވެސް ބައެއް ޓީޗަރުން އަމިއްލައަށް ތައުލީމު ހާސިލް ކުރާ ކަމަށާއި، އެކަމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރަނީ ދަރިވަރުންނަށް ކަމަށް ރައީސުލްޖުމްހޫރިއްްޔާގެ ނައިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ޓޮޕް އެޗީވާސް އެވޯޑުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑަގެން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ، އުނގެނުމަށް މޮޅު ދަރިވަރުުން ފާހަގަ ކުރާ ޖަލްސާއެއްގައޮ ބެލެނިވެރިންނާއި ޓީޗަރުންގެ މަސައްކަތް ހަނދާން ކުރަން ޖެހޭ ކަމަށެވެ.
ކޮންމެ ކުއްޖަކުވެސް މޮޅުކުއްޖަކަށް ވަނީ ބެލެނިވެރިންނާއި ޓީޗަރުންގެ ބުރަ މަސައްކަތުން ކަމަށާއި، އެހެންކަމުން އެމީހުންގެ މަސައްކަތް ފާހަގަކޮށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ބައެއް ޓީޗަރުން ކިޔަވައިދިނުމުގެ މަސައްކަތުގައި ބުރަކޮށް އުޅެމުންވެސް އަމިއްލައަށް އިތުރު ތައުލީމު ހާސިލް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ. ނައިބު ރައީސް ވިދާޅުވީ، އެކަމުގެ ފޮނި ނަތީޖާ ލިބޭނީ ހަމަ އެކަނި އެ ތައުލީމު ހާސިލް ކުރާ ޓީޗަރަށް ނޫން ކަމުގައި ފާހަގަ ކުރެއްވި އެވެ.
"ބައެއް ޓިޗަރުން ކިޔަވައިދިނުމުގެ މަސައްކަތުގައި ބުރަކޮށް އުޅެމުންވެސް އަމިއްލައަށް އިތުރަށް ތައުލީމު ހާސިލް ކުރަމުންދޭ. އެކަމަކީ ހަމައެކަނި އޭގެ ފޮނި ނަތީޖާ އެކަން ކުރާ ފަރާތަށް ލިބޭނެ ކަމެއް ނޫން. އޭގެ ފޮނި ނަތީޖާ ދަރިވަރުންނަށާއި ގައުމަށްވެސް ކުރާނެ،" ޖިހާދު ވިދާޅުވި އެވެ.
އޭ ލެވެލް ގަދަ 10ގައި ހިމެނެނު ދަރިވަރަކަށް ނައިބު ރައީސް އެވޯޑު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ތައުލީމަށް ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން މިރޭ އެވޯޑު ހާސިލް ކުރި ދަރިވަރުންގެ ތެރޭގައި ބައެއް މާއްދާތަކުން ދުނިޔޭޣެ ފެންވަރުގައި ވަނަ ހޯދި ދަރިވަރުން ތިބިކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ، އެކަމުން ދޭހަވަނީ ދިވެހިންނާއި ރާއްޖޭގެ ކިޔަވާ ކުރިން ތައުލީމީ ގޮތުން ކުރި އަރާފައިވާ މިންވަރު ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ކޮންމެ އަހަރަކުވެސް 4000 އަށްވުރެ ގިނަ ދަރިވަރުން އޭލެވެލް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކުރިން މަތީތައުލީމު ހާސިލް ކުރަން ދެވެނީ ކޮންމެ 100 ދަރިވަރަކުން ހަ ދަރިވަރަކަށް ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު ކޮންމެ 100 އަކުން 32 އަކަށް އަރާފައިވާކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރުގެ ވާހކަފުޅު ނިންމާލާފައިވަނީ މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔެވޭނެ ފުރުސަތު ފަހިވެފައިވާކަމަށް ވިދާޅުވެ އެލޯނުގެ ބޭނުން ކުރުމަށް އެދިލެއްވުމަށް ފަހުގަ އެވެ.