22 May 2017, 18:12
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް، އެ ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި މިއަދު އެ ކޯޓުން ކުރި ހުކުމުގަ އެވެ.
އޭޖީ އޮފީހުން އެދިފައި ވަނީ ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެ، އެ ސަބަބުތަކުގެ މައްޗަށް ބިނާވެގެން މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓަކުން ކަމަށް ކަނޑައަޅައިދިނުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، އެކަށީގެންވާ ސަބަބެއް ނެތި ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށެވެ. އަދި އެކަށީގެންވާ ސަބަބަކާ އެކު ނަގާ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ނަމަވެސް އެކަމުގެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ރާއްޖޭގައި އޮންނާނީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް ކަމަށާއި، ގާނޫނު އަސާސީ މާނަ ކުރަން ޖެހޭނީ ރިޔާސީ ނިޒާމުގެ އުސޫލުތަކާ ޚިލާފް ނުވާނެ ގޮތަކަށް ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެ ހުކުމްގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއްގެ ސައްހަކަން ބިނާވެގެންވާނީ އެ ނިންމުމަކާމެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމަށްފަހުގައި ކަމަށެވެ.
ސުޕްރީމް ކޯޓުން އެ ނިންމުން ނިންމާފައިވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ ނިންމުމުގައި ބުނާ ގޮތުން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ވަޒީރަކު މަގާމުން ވަކިކުރެވޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އިޖްރާއަތާއި، ގާނޫނު އަސާސީގެ 100 ވަނަ މާއްދާއާއި، 154 ވަނަ މާއްދާގެ (ށ) އާއި 177 ވަނަ މާއްދާ އާއި، 187 ވަނަ މާއްދާ އާއި 197 ވަނަ މާއްދާ އާއި، 207 ވަނަ މާއްދާގެ އިތުރުން 218 ވަނަ މާއްދާ އަދި 228 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތައް މަގާމުން ވަކި ކުރެވޭނީ، މަޖިލީހުންނަގާ އިތުބާރު ނެތްކަމުގެ ވޯޓުން އެ ފަރާތްތައް ވަކިކުރަން ފާސްވުމުން އެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތަކުންނެވެ.
މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކުރިޔަސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅަނީސް ވަކި ނުކުރެވޭނެ ފަރާތްތައް:
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު
- ފަނޑިޔާރުން
- އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން
- ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުން
- ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން
- އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން
- އޮޑިޓާ ޖެނެރަލް
- ޕްރޮސިކިއުޓާ ޖެނެރަލް