ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑުން ސްޕެނިޝް ލަ ލީގާ ކާމިޔާބުކުރި އިރު، އެ ކާމިޔާބީގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދައުރު ވަރަށް ބޮޑުކަމަށް ބުނެ، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ރޮނާލްޑޯއަށް ތައުރީފްކޮށްފިއެވެ.

ސްޕެނިޝް ލީގުގެ އެންމެ ފަހު މެޗުތައް ރޭ ކުޅެފައި ވާއިރު، ރޮނާލްޑޯ ވަނީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 25 ވަނަ ލަނޑާއެކު މެޗުގެ ދެ ވަނަ މިނިޓްގައި މަލާގާގެ މައްޗަށް ރެއާލަށް ކުރި ހޯދައިދީފައެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ، ލަޔަނަލް މެސީ ގާއިމުކޮށްފައިވާ، ޖެހިޖެހިގެން އަށް ސީޒަންގައި 25 ލަނޑު ކާމިޔާބުކުރުމުގެ ރެކޯޑާވެސް އަރައި ހަމަކޮށްފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލުން ސްޕެނިޝް ލީގު ކާމިޔާބުކުރި މެޗަށް ފަހު -- ފޮޓޯ: އޭޕީ

"މިފަދަ ތަފާތަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް އޭނާ [ރޮނާލްޑޯ] ހުންނާނެ އަހަރެމެންނާއެކު،" ރޮނާލްޑޯއަށް ތައުރީފްގެ ބަސްތައް އޮއްސާލަމުން ޒިދާން ބުންޏެވެ.

"ރޮނާލްޑޯގެ އިތުރުން ޓީމުގެ އެހެން ކުޅުންތެރީންނާ މެދުވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ. އޭނާ ހުރުމުން ޓީމަށް ތަފާތެއް އާދޭ."

ރޭގެ މެޗުގައި ރެއާލްގެ ދެވަނަ ލަނޑާއެކު މުޅި ދަނޑު ގުގުމައިގެން ދިޔައިރު، މެޗުގެ ފަހު ހާފުގައި އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލަ ލީގާ ކާމިޔާބުކުރުމަށް ފަހު ރެއާލް މެޑްރިޑްގެ ކުޅުންތެރީން އުފާ ފާޅުކުރަނީ -- ފޮޓޯ: އޭޕީ

ޒިދާން ބުނީ، ރެއާލް މޮޅުވުމުގެ ހުރިހާ ''ކްރެޑިޓެއް'' ދެނީ ރޮނާލްޑޯއަށް އެކަނި ނޫން ކަމަށެވެ. އަދި ރެއާލްގެ ކާމިޔާބީ ތަޅުދަނޑިއަކީ އެ ކްލަބުގެ ހުރިހާ ކުޅުންތެރީންގެ މިންނެތް މަސައްކަތް ކަމަށްވެސް ކޯޗު ބުންޏެވެ.