ބޭންކޮކް(މެއި 22): ތައިލޭންޑުގެ ވެރިރަށް ބޭންކޮކްގެ ހޮސްޕިޓަލެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 24 މީހަކަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ތައިލޭންޑުގެ ނޫސްތަކުގައިވާ ގޮތުން ބޮން ގޮއްވާލާފައި ވަނީ ކިންގް މޮންގްކުޓް ހޮސްޕިޓަލުގައި ހުންނަ ވެއިޓިން ރޫމެއްގައެވެ. އަދި އެގައުމުގެ ޑެޕިއުޓީ ނެޝަނަލް ޕޮލިސް ޗީފް ސްރިވަރާ ރަންސިބްރަހްމަންކުލް ވިދާޅުވި ގޮތުގައި އެހާދިސާ ހިނގި ކޮޓަރިން ބޮމުގައި ބޭނުންކޮށްފައިވާ ބެޓެރިއާއި ވަޔަރު ފެނިފައިވެއެވެ.

ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ހޮސްޕިޓަލުގެ ކެމެރާތަކުގެ ފުޓޭޖް ބަލަމުން ކަމަށް އޮފިޝަލުން ބުންޏެވެ.

ތައިލޭންޑުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެހަމަލާގައި އަނިޔާވި 24 މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް އެވެ. އަދި އަނިޔާވި މީހުންގެ މޫނަށާއި ކަރަށް ބޮމުގެ އެތިކޮޅުތަކާއި ބިއްލޫރި ހެރިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ. (އަލްޖަޒީރާ)