12 Jul 2011, 14:30
މަސްވެރިންނަށް ދޭން ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ސަބްސިޑީ މަސްވެރިންނަށް ދިނުމުގެ ކޯޓު އަމުރެއް ހޯދަން ގައުމީ ޕާޓީން މަދަނީ ކޯޓުގައި އިއްޔެ އެދެފި އެވެ.
މިއަހަރުގެ ބަޖެޓް މަޖިލީހުން ފާސްކުރިއިރު މަސްވެރިންނަށް 100 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ވަނީ ފާސްކޮށްފަ އެވެ. ބަޖެޓުގައި އެ ފައިސާ ހިމެނިފައިވީ ނަމަވެސް އިގްތިސޯދު ހުރި ގޮތުން ކަމަށް ބުނެ ސަބްސިޑީ ދިނުމަށް ސަރުކާރުންވަނީ އިންކާރުކޮށްފަ އެވެ.
ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްﷲ އަމީން މިއަދު ވިދާޅުވީ މަސްވެރިންނަށް ސަބްސިޓީ ދެމުން ނުދާތީ މަހަށް ފުރުމުގައި މަސްވެރިންނަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންދާ ކަމަށާއި މަސްވެރިންގެ އަތްމަތި ދަތިވެ ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.
"ރާއްޖޭގައި އިގްތިސޯދުގެ މުހިންމު ސިނާއަތެއް މަސްވެރިންނަކީ. އެބޭފުޅުންނަށް މަހަށް ފުރޭނެ ގޮތެއް ނެތިފައި އެބަ ތިބެންޖެހޭ. މި ސަރުކާރުން މިވަނީ އެކަމުގައި އިހުމާލުވެފައި. މި ކަންބޮޑުވުންތައް ހުރުމާއި އެކު އަޅުގަނޑުމެން ސަބްސިޑީ ނުދީ އޮތް އޮތުން ހުއްޓުވާ މަސްވެރިންނަށް ވަގުތުން ސަބްސިޓީ ދިނުމަށް ކޯޓުގެ އަމުރަކަށް އިއްޔެ މި އެދުނީ،" އަމީން ވިދާޅުވި އެވެ.
ސަބްސިޑީ ދިނުމަށް 21 ދުވަހުގެ މުއްދަތެއް ސަރުކާރުން ދިނުމަށް ފަހު ގައުމީ ޕާޓީން އެ މައްސަލަ ކޯޓަށް ވެއްދާފައިވާއިރު އަމީން މިއަދު ވިދާޅުވީ މަސްވެރިންނަށް ސަބްސިޓީ ނުދެވިގެން އުޅެނީ ސަރުކާރުގެ ބޭކާރު ހަރަދުތަށް ބޮޑުވެގެން ކަމަށެވެ.
"ރައީސް ނަޝީދުގެ ގާތް ބޭފުޅުންނަށާއި އެބޭފުޅުންނަށް އެޑްވާންސަށް ފައިސާ ދީގެން ޕުރޮޖެކްޓްތަށް ދެމުންގެންދަނީ. އެކި ނަންނަމުގައި ކުންފުނިތަށް ހަދާމުން މިދަނީ. މިކަމާއި ހުރެ ސަރުކާރުގެ ބޭކާރު ހަރަދުތަށް މިވަނީ ބޮޑުވެފައި،" އަމީން ވިދާޅުވި އެވެ.
ގައުމީ ޕާޓީން ސަބްސިޑީގެ މައްސަލަ ކޯޓަށް ވެއްދި އިރު މީގެ ކުރިން މަސްވެރިން ވަނީ މުލިއާގެ ސަރަހައްދުގައި ވެސް މުޒާހަރާ ވެސް ކޮށްފަ އެވެ،