އަންނަ ހޮނިހިރު ދުވަހު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީއާ އާސެނަލް ބައްދަލުކުރާ މެޗުގެ "ފެވަރިޓް"އަކީ އާސެނަލް ކަމަށް ޕްރިމިއަރ ލީގު ޗެމްޕިއަން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި 5-1 ލަނޑުގެ ނަތީޖާއަކުން، ސަންޑަލޭންޑް އަތުން މޮޅުވެ ސްޓައިލްގައި މިސީޒަންގެ ޕްރިމިއަރ ލީގު ނިންމާލިއިރު، އާސެނަލް ވަނީ ގަދަ ހަތަރަކުން ފުރުސަތު ނުލިބުނު ނަމަވެސް، އަމިއްލަ ދަނޑުގައި އެވަޓަން އަތުން 3-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.

ކޮންޓޭ ބުނީ، ގިނަ ދުވަސްތަކެއް ވަންދެން ލީގުގެ ގަދަ ހަތަރެއްގައި ހިމެނެމުން އައި އާސެނަލަށް މިފަހަރު އެ ފުރުސަތު ގެއްލި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތުވެސް ގެއްލިފައިވުމާއެކު، މިސީޒަން ހުސްއަތާ ނިންމާ ނުލުމަށް އާސެން ވެންގާގެ ކުޅުންތެރީން "މަރުދޭނެ" ކަަމަށެވެ.

"މިހާރު ފެވަރިޓަކީ ކޮބައިތޯ އަހަރެންނާ ސުވާލުކޮށްފި ނަމަ ޖަވާބުގައި ބުނާނީ އާސެނަލް އޭ،" މި ސީޒަންގައި ޗެލްސީން އިތުރު ތައްޓެއް ހޯދަން ބޭނުން ވާނަމަ، ވަރަށް ބުރަކޮށް މަސައްކަތްކުރާން ޖެހޭކަން ފާހަގަކުރަމުން ކޮންޓޭ ބުންޏެވެ.

"އެމީހުންނަށް [އާސެނަލް] މި ސީޒަންގައި ދެން ހިތްހަމަޖެހުމެއް ލިބެން އޮތީ، ހަމަ އެކަނި އެފްއޭ ކަޕް ކާމިޔާބުކޮށްގެން.

"މި ސަބަބަށްޓަކައި އަހަރެމެން އެބަޖެހޭ، ކާމިޔާބެއް ހޯދަން ބޭނުންނަމަ، މޯޓިވޭޝަން ވަރަށް ބޮޑަށް ރަނގަޅުކުރާން. މި މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެ.

"އާސެނަލަށް ވަނީ ދިގު މުއްދަތަކަށް ފަހު، ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލިފައި، އަހަންނަކަށް ނޭނގެ ކިތައް އަހަރުކަމެއް. އެހެންކަމުން އަހަރެމެން ވަރަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ.

"އަހަރެން ވާހަކަ މިދައްކަނީ ޓެކްޓިކަލް ކަންތައްތަކާ ގުޅޭގޮތުންނެއް ނޫން. އަހަރެން މި ވާހަކަ ދައްކަނީ މޯޓިވޭޝަނާ ގުޅޭގޮތުން. އަހަރެމެން ހިތާ ރޫހުން މި މެޗަށް ތައްޔާރުވާން ޖެހޭ."

ކޮންޓޭ ބުނީ، މި ފާގަކުރި ހުރިހާ ކަމަކާއެކު، އާސެނަލާ ދެކޮޅަށް އޭނާގެ ކުޅުންތެރީން ތައްޔާރުވެއްޖެ ނަމަ، މި ސީޒަންގައި ދެ ޓްރޮފީ ހޯދުމަކީ ކުރެވޭނެ ކަމެއް ކަމަށާއި އެ ނޫން ނަމަ، އެއީ އުނދަގޫ ކަމެއް ކަމަށެވެ.

އެފްއޭ ކަޕް ފައިނަލް މެޗުގައި ޗެލްސީއާއި އާސެނަލް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9:30ގައެވެ.