12 Jul 2011, 13:58
ދުއްވަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ މާލެ ތެރޭގައި ދުއްވާ، ދެ އައިސް ކްރީމް ބައިސްކަލް ހުއްޓުވައި ބައިސްކަލް ދުއްވަމުން ދިޔަ ދެ ބިދޭސީން ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ އައިސް ކްރީމް ބައިސްކަލް މާލޭތެރޭ ދުއްވަނިކޮށް މިއަދު ހިފެހެއްޓީ ހުއްދަ ނުހޯދައި ގަވާއިދާ ޚިލާފަށް އެކަން ކުރާތީ ކަމަށެވެ. އަދި ދެ ބައިސްކަލް ދުއްވަމުންދިޔަ ބަންގުލަދޭޝް ދެ މީހުން ހައްޔަރު ކުރީ އެއީ އެ މަސައްކަތް ކުރަން ރާއްޖެ އެތެރެ ކޮށްފައިވާ ބަޔަކަށް ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ދެ ބައިސްކަލް އެކިފަހަރުމަތިން ހުއްޓުވައި މަގުމަތީގައި ހުއްދަ ނުހޯދައި ވިޔަފާރި ނުކުރުމަށް އަންގާފަ ވާނެ ކަމަށާއި މިއަދު އައިސްކްރީމް ބައިސްކަލް ނެރެގެން ދުއްވަން ފެށުމުން ހުއްޓުވީ ބައިސްކަލް ދުއްވަން ތިބި ދެ ބިދޭސީންނަކީ ވެސް އެކަން ކުރުމުގެ ހުއްދަ އޮތް ބައަކަށް ނުވާތީ ކަމަށެވެ.
ސޯލާ ޕެނަލެއް ހަރުކޮށް ފްރިޖެއް ބަހައްޓައިގެން ފަހި އަރުތަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާލޭގައި އައިސްކްރީމް ވިއްކަން ދުއްވާ ދެ ބައިސްކަލް ދުއްވާތާ މަހެއް ވީ އިރު އެކި ފަހަރު މަތިން އެ ބައިސްކަލް ހުއްޓުވާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އައިސް ކުރީމް ބައިސްކަލަކީ ރާއްޖޭގެ ފަރުމާއަކަށް ޗައިނާގައި އުފައްދައިގެން ގެނެސް މަގު މައްޗަށް ނެރުނު ބައިސްކަލެކެވެ. މި ދެބައިސްކަލް ދުއްވާ ކުންފުނީގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.