22 May 2017, 01:37
ފަހު މެޗުގައި މަލާގާ އަތުން ހޯދި މޮޅާއެކު ރެއާލް މެޑްރިޑުން 33 ވަނަ ފަހަރަށް ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު ލީގު މެޗުތަކުގައި މަލާގާގެ މައްޗަށް ރެއާލް ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތްއިރު، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ރެއާލް ބޭނުންވީ އެންމެ ޕޮއިންޓެކެވެ.

ލަލީގާ ޗެމްޕިއަންކަން ހޯދައި، ކޯޗު ޒައިނުއްދީން ޒިދާނާއެކު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: މިއީ އެ ކްލަބުން ލަލީގާ ކާމިޔާބުކުރި 33 ވަނަ ފަހަރު --- ފޮޓޯ/ އޭޕީ
މިރޭގެ މެޗުތަކަށްފަހު މިސީޒަނުގެ ލަލީގާ ނިމިގެންދިޔައިރު، ޗެމްޕިއަންކަން ހޯދި ރެއާލްއާއި ދެވަނަ ހޯދި ވާދަވެރި ބާސެލޯނާއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ރެއާލާއި ބާސާއާއެކު ގަދަ ހަތަރަކުން ދެން ޖާގަ ހޯދީ އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާއެވެ. މިސީޒަނުގައި ރެލީގޭޓްވީ ސްޕޯޓިން ގިޔޯނާއި އޮސަސޫނާ އަދި ގްރެނާޑާއެވެ.
މިރޭ ކުޅުނު މެޗު ފެށިތާ ދެ މިނެޓް ފަހުން ރެއާލުން ވަނީ ލަނޑެއްޖަހާ ލީޑު ހޯދައިފައެވެ. ލުއިސް ހެނާންޑޭޒްއަށް ހެދުނު ގޯހެއްގެ ފައިދާނަގާ، އިސްކޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ލަލީގާ ޗެމްޕިއަންކަން ހޯދައި، ރެއާލުން އުފާފާޅުކުރަނީ: މިއީ އެ ކްލަބުން ލަލީގާ ކާމިޔާބުކުރި 33 ވަނަ ފަހަރު --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ހަމަލާތަކެއް އުފެއްދިއެވެ. މަލާގާގެ ރަމިރޭޒް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ދެ ހަމަލާ ވެސް ރެއާލްގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި ލީޑު ފުޅާކޮށްލުމަށް ރެއާލްގެ ރޮނާލްޑޯއާއި ކަރިމް ބެންޒެމާ އަދި ޓޯނީ ކްރޫސްއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުން ރެއާލުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. ރަފައެލް ވަރާން ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް ބެންޒެމާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މަލާގާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި އައިބާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވި ނަމަވެސް، ރެއާލުން ވަނީ ލީގު ޗެމްޕިއަންކަން ހޯދާފައި --- ފޮޓޯ/ އޭޕީ
ލަލީގާގައި ބާސާ ވަނީ މިރޭ އަމިއްލަ ދަނޑުގައި އައިބާގެ މައްޗަށް 4-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. ބާސާއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު، އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކާމިޔާބުކޮށްދިންއިރު ލުއިސް ސުއަރޭޒް ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ބާސާގެ އަނެއް ލަނޑަކީ އައިބާގެ ޖުންކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އައިބާއިން ކާމިޔާބުކުރި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓަކާޝީ އިނޫއީއެވެ.
މިސީޒަނުގެ ލަލީގާ ކާމިޔާބުކުރި ރެއާލަކީ ލަލީގާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކްލަބެވެ. ރެއާލުން 33 ލަލީގާ ތަށި ކާމިޔާބުކުރިއިރު، ބާސާއަށް ހޯދިފައިވަނީ 24 ތަށްޓެވެ. މިއީ ރެއާލަށް 2011/12 ސީޒަނަށްފަހު ހޯދުނު ލަލީގާގެ ފުރަތަމަ ތަށްޓެވެ. އަދި މިއީ މިދިޔަ ސީޒަނުގެ ތެރޭގައި ރެއާލްގެ ކޯޗުކަމާ ހަވާލުވި ޒައިނުއްދީން ޒިދާން، އެ ކްލަބަށް ހޯދައިދިން ދެވަނަ ކާމިޔާބެވެ. މިދިޔަ ސީޒަނުގައި ޒިދާން، އެކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިންއިރު، މިއަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް އެ ޓީމު ވާދަކުރާނެވެ.