22 May 2017, 01:26
މާލެއާއި އަތޮޅުތެރެއަށް ކުރަމުންދާ ވިއްސާރައިގައި މިރޭ މާލޭގެ ގެއެއްގެ ފުރާޅު ހަލާކުވެ، އެގޭގައި ދިރިއުޅެމުންދިޔަ 16 ވަރަކަށް މީހުންނަށް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރު އެހީވާން ނިންމައިފި އެވެ.
މިރޭ މާލޭގައި ހިނގި އެ ހާދިސާގައި ގެއްލުން ވެފައި ވަނީ ސޯސަން މަގުގައި ހުންނަ ހ. ސޯސަންމީޑް ނަމަކަށް ކިޔާ ގެއެއްގެ ފުރާޅެވެ.
އެގޭގައި ދިރިއުޅޭ މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި ފުރާޅު ހަލާކުވީ އެގެއާ ޖެހިގެން ހުރި ހ. ސޯސަން ފްލާވާ ގޭގެ ފާރުގެ ބައެއް ވެއްޓިގެންނެވެ. ސޯސަން ފްލާވާ ގެއަކީ ދާދިފަހުން މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި ގެއެކެވެ. އެ ހާދިސާގެ ސަބަބުން އެ ގޭ ފާރުން ސޯސަންމީޑްގޭ ފުރާޅަށް ގާ ފަދަ ތެކެތި ފައިބާ ކަމަށް އެ މީހާ ކިޔައިދިނެވެ.
"މިރޭ ވެއްޓުނީ ފާރުގެ ވަރަށް ބޮޑު ތަންގަނޑެއް. ނަސީބަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އެއަށްވުރެ އަވަހަށް އެންމެން ނެރެލައިފިން،" އެމީހާ ކިޔައިދިނެވެ.
އެ މީހާ ބުނި ގޮތުގައި ގޭގެ ފުރާޅު ވެއްޓުމާ އެކު އެންމެން ނުކުމެގެ ގޮސް ތިބީ ސޯސަން މަގުގައި ހުންނަ ޕާކުގެ އުނދޯލި ގޭގެ ހިޔަލުގައެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހުނު ކަމަށް އެމީހާ ބުންޏެވެ.
މީގެ އިތުރުން، އެމީހާ ބުނީ އެގޭގައި ދިރިއުޅެމުން ދިޔަ 16 ވަރަކަށް މީހުން މިހާރު ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރަށް ފުލުހުން ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ވަގުތީ ބޯހިޔާވަހި ކަމެއް އަދި ހަމަޖެހުނު ކަމެއްވެސް ނުޖެހޭ ކަމެއްވެސް ނޭނގޭ ކަމަށް އެ މީހާ ކިޔައިދިނެވެ.