ފެންނަނީ ކަނޑުގެ ބިޔަ ރާޅުތައް އެ ކޮޅުވެއްޓީގެ މައްޗަށް ބަންޑުން ކޮށްލާ މަންޒަރެވެ. ކަނޑުން ނަގާ ބިޔަ ރާޅުތަކުން ކޮޅުވެއްޓި ބަންޑުން ވެދާނެހެން ވެސް ހީވެއެވެ. ރާޅުތަކުގެ އުސްމިން ކޮޅުވެއްޓީގެ އުސްމިނާ އެއް ވަރެވެ. ބޯވަރޭގެ ސަބަބުން ދުރު ނުވެސް ފެނެ އެވެ. ފެންނަނީ ރާޅުތައް ކޮޅުވެއްޓީގެ އަރިހުރަހަށް ބިންދާލަމުން ދާ މަންޒަރެވެ.

މިއީ މޫސުން ގޯސްވެ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު "މާރިއާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓި ކަނޑުވެފައި ވަނިކޮށް އެމްއެންޑީއެފުން މީޑިއާ އާ ހިއްސާ ކުރި ފޮޓޯއިން ފެންނަ މަންޒަރެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، ކޮޅުވެއްޓި މާލެއަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާ މަނަވަރުގެ އެހީގައި ކަމަށެވެ. އެ މަނަވަރަކީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީއެކެވެ. ކޮޅުވެއްޓި ފެނުނީ އިންޑިއާ އިން ފޯރުކޮށްދިން އެ ގައުމުގެ ސިފައިންގެ އެއާކްރަފްޓަކަށެވެ.

"މާރިއާ-3" ނަމަކަށް ކިޔާ ކޮޅުވެއްޓި ލ. އިސްދޫމުލީ 130 ނޮޓިކަލް މޭލު ބޭރުން ފެނުނުއިރު، އޭގައި ތިބި ހަ މީހުން ވެސް ތިބީ ގަދަވެ، ސަލާމަތުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އޭގައި ތިބި ވިލުފުށީ ދެމަފިރިންނާއި ހަތަރު ބިދޭސީން އަދިވެސް ތިބީ ކޮޅުވެއްޓީގައި ކަމަށެވެ. އެ މީހުން އެ އުޅަނދުގައި ތިބޭތާ ފަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ އެވެ.

އިންޑިއާގެ މަނަވަރު ކޮޅުވެއްޓީގެ ކައިރީގައި އޮތް އިރު، މަނަވަރާއި ކޮޅުވެއްޓި ގުޅާލުމަށް ވަލެއް ވަނީ އައްސާފައެވެ. އެމްއެންޑީއެފުން އާންމު ކުރި ފޮޓޯއިން ވެސް އެ ވާގަނޑު ފެނެ އެވެ.

"އެއީ އެ ކޮޅުވެއްޓިއަށް ފޯރުކޮށްދޭ ތަކެތި ފޮނުވުމަށް އައްސާފައި އޮތް ވަލެއް. އެވާ ބޭނުންކޮށްގެން ތަފާތު ޓެކްނިކެއްގެ ދަށުން ތަކެތި މި ފޯރުކޮށްދެނީ. އަދިވެސް އޮޔާ ދަނީ،" ކެޕްޓަން އާޒިމް ވިދާޅުވިއެވެ.

ކަނޑުދަތުރު ފަތުރު ކުރާއިރު މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް މޫސުމާ ބެހޭ އިދާރާއިން ދޭތެރެ ދޭތެރެއިން އެލާޓު ނެރުނު ނަމަވެސް ގިނަ ފަހަރު އެ އެލާޓު ނެރުނަސް ބައެއް ފަރާތްތަކުން ދަތުރު ކުރެ އެވެ. ކަނޑު ގަދަވާނެ ކަމުގެ އިންޒާރު ދިނަސް ގިނަ ފަހަރު އެކަމާ މެދު އޮންނަނީ ސަމާލު ނުވެވިފައެވެ.

މި ފޮޓޯ ތަރުޖަމާ ކޮށްލުމުން ކަނޑު ގަދަ ދުވަސްވަރެއްގައި ލިބިދާނެ ގެއްލުމުގެ ބޮޑުކަން އިހުސާސް ކުރެވޭނެ އެވެ. އަޅެ ވިސްނާލަބަލާށެވެ. ގަދަވަޔާއި އޮއިގައި ކަނޑުވި އިރު އެ ކޮޅުވެއްޓީގައި ހަ މީހުން ތިއްބެވެ. ކޮޅުވެއްޓި ފެނުނީ ތިން ދުވަސްފަހުންނެވެ. ތިން ދުވަސްވާއިރު އޭގައި ތިބި ފަޅުވެރިން ތިބޭނީ 'ހަނާވެފައެވެ.' އަދި މިހާރުވެސް އެމީހުން އެތިބީ ކޮޅުވެއްޓީގައެވެ. އެ ގަދަ ކަނޑުގެ ބާނިތަކުގެ ޝިކާރައަށް ވެފައެވެ.

ކޮންމެއަކަސް ގަދަ ވަޔާއި ވިއްސާރާގައި އަދި ކަނޑުގެ ބޮޑެތި ބާނިތަކުގައި ކަނު އަނދިރީގައި ބުރަ ބޮޑު މަސައްކަތްތަކަކަށް ފަހު، ލަންކާގެ ސެނޮކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނީގެ އެ އުޅަނދު ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ބުނީ އުޅަނދު މިސްރާބުން ކައްސާލައިގެން ދާން މެދުވެރިވީ، އޭގެ "ރޭމްޕް" ނުވަތަ، އެ އުޅަނދުގެ ކޮޅުގައި ހުރަހަށް ޖަހާފައިވާ ދަގަނޑު ފިލާގަނޑު، އޭގެ ޗޭނު ކެނޑިގެން ކަނޑަށް އެލިފައި އޮތުމުގެ ސަބަބުން ބޭނުންވާ މިސްރާބަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެން ކަމަށެވެ.

އަދިވެސް ކޮޅުވެއްޓި އޮތީ ފޮޓޯއިން އެ ފެންނަ ގަދަ ގަނޑުގައި، ކަނޑުގެ ބިޔަ ބާނިތަކުގެ މުށްދަށުގައެވެ. އޭގެ ފަޅުވެރިން އަދިވެސް ތިބީ އޭގެ ތެރޭގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އާޒިމް ވިދާޅުވީ، މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކޮޅުވެއްޓި ދުއްވެނީ ވަރަށް މަޑުން ކަމަށެވެ. އަދި އެ ކޮޅުވެއްޓީގެ ކުންފުނިން ޓަގެއް ހަމަޖެއްސިހާ އަވަހަކަށް އެ ކޮޅުވެއްޓި މާލެއަށް ގެނެވޭނެ ސީދާ ގަޑި އިނގޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި ހާދިސާއިން އިބުރަތް ލިބިގަނެގެން މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރުފަތުރު ނުކުރުމަށް އަދިވެސް އެއްފަހަރު އިލްތިމާސް ކުރަމެވެ.