ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކޮއްތު ކަނޑައިލާ ގޮތަށް އެ މަޖިލީހުގެ އާއްމު ކޮމިޓީން މިދިޔަ އެޕްރީލް މަހު ނިންމާފައި ވަނިކޮށް، އަނެއްކާވެސް މަޖިލީސް މެންބަރުންނަށް ސައިފޮދާއި ކެއުން ތައްޔާރުކުރާނެ ފަރާތެއް ހޯދަން މަޖިލީހުގެ އިދާރާއިން އިއުލާންކޮށްފި އެވެ.

މަޖިލީހުގެ މެންބަރުންގެ ކެއުމާއި ސައި ކަނޑާލުމާ ބެހޭ ގޮތުން މިދިޔަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު، ސައުތު ތައުފީގުގެ ދަރިއަކު ހިންގާ ބްރަދާސް ކޭޓަރިންނާ އެކު މަޖިލީހުގެ އިދާރާ އިން އޭރު ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމުން އެ ހަރަދު ކަނޑާލުމަށް ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރުންނަށް ސައިފޮދު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިމަހުގެ ފަސް ވަނަ ދުވަހު ކޮށްފައިވާ އިޢުލާނާ ގުޅިގެން އެމަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އާއްމު ކޮމިޓީން އޭރު އެގޮތަށް ނިންމީ އެގްރީމެންޓުގެ މުއްދަތު ހަމަވާތީ އެކޮމިޓީން އެކަމާ މެދު ވަކިގޮތަކަށް ނިންމަންދެން ހުއްޓާލާގޮތަށް ކަމަށެވެ. އަދި އަލުން ކޮއްތު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރީ އެކޮމިޓީ އަލުން އެކުލަވާލައި، އެކޮމިޓީން އެކަމާ މެދު ގޮތެއް ނިންމަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

" ކޮމިޓީ އެކުލަވާލެވި އަލުން އެކަމާ ބެހޭ މެދު ގޮތެއް ނިންމާވާއިރަށް ވާންޖެހޭ ތައްޔާރީތައްވެ ބޭނުންވާ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރަމުން މިގެންދަނީ،" އާމިން އާއްމު ވިދާޅުވި އެވެ.

ބްރަދާސް ކޭޓަރިންއާ ހަވާލުކޮށްފައިވާ މަޖިލީހުގެ ސައި ކެއުން ކަންތައްތައް ހަމަޖެއްސުމާ ބެހޭ އެގްރީމެންޓުގެ މުއްދަތު މިދިޔަ މަހުގެ 30 ގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އަދި އެމުއްދަތަށްފަހު މިހާތަނަށް ކެއުމާއި ސައި ހުއްޓާލާފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. ނަމަވެސް އެކަންތައްތައް މިހާރު ކުރަމުން ގެންދަނީ ކޮންބައެއް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަސް ތަކުގައި، މަޖިލީހުގެ މެންބަރުންނަށާއި މުވައްޒިފުންނަށް ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ކެއުމާއި ސައި ހަމަޖައްސައި ދިނުމަށް މަހަކު 127،000ރ. )އެއްލައްކަ ހަތާވީސްހާސް ރުފިޔާ( ހަރަދުވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ އިދާރާ އިން ހަމަޖައްސައިދޭ ސަޔާއި ކެއުން ދެ ރޭޓަކުން ދިނުމަށް ކަނޑައަޅާފައިވާ އިރު މަޖިލީހުގެ 77 މެންބަރުންނާއި ޖަލްސާގެ ކަންތައް ހަމަޖެއްސުމުގައި ހަރަކާތްތެރިވާ 90 މުވައްޒިފުންނާ އެކު ކޮންމެ ދުވަހެއްގެ މެންދުރު ކެއުމަށް މީހަކަށް 50 ރުފިޔާގެ ރޭޓުން ހަރަދު ކުރާ އިރު، 30 ރުފިޔާގެ ރޭޓުން ނުވަގަޑި ސަޔަށް ހަރަދު ކުރާ ކަމަށްވެސް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން މަޖިލީހުގެ 170 މުވައްޒިފަކަށް 20 ރުފިޔާގެ ރޭޓުން ނުވަގަޑި ސައި ހަމަޖައްސައިދޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ.