ރަމަޟާން މަހާ ދިމާކޮށް، މިފްކޯގެ ފަސްމީރު ބްރޭންޑުގެ މަސްދަޅު ކޭހެއްގެ އަގުން 100 އަށް ވުރެ ގިނަ ރުފިޔާ ހެޔޮކޮށްފި އެވެ.

މިފްކޯ މަސްފިހާރާގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ، ފެލިވަރު މަސް ކޭހުންނާއި މަސްދަޅުން އަގުހެޔޮކުރީ ރައްޔިތުންނަށް ރަމަޟާން މަހާ ދިމާކޮށް ހަދިޔާއެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ފެލިވަރުގެ ހަތަރު ބާވަތެއްގެ ދަޅު މަހެއްގެ އަގު ވަނީ ހެޔޮކޮށްފަ އެވެ.

  • ފެން މަސްދަޅު ކޭހެއް: 739 ރުފިޔާއިން 635 ރުފިޔާއަށް (104 ރުފިޔާ ހެޔޮކޮށްފައި)

  • ފެން މަސްދަޅު އިކޮނޮމީ ޕެކް ކޭހެއް: 680 ރުފިޔާއިން 574 ރުފިޔާއަށް (106 ރުފިޔާ ހެޔޮކޮށްފައި)
  • ތެޔޮ މަސްދަޅު ކޭހެއް: 779 ރުފިޔާ އިން 670 ރުފިޔާއަށް (109 ރުފިޔާ ހެޔޮކޮށްފައި)
  • ތެޔޮ މަސްދަޅު އިކޮނޮމީ ޕެކް ކޭހެއް: 709 ރުފިޔާއިން 612 ރުފިޔާއަށް ހެޔޮކޮށްފައި)

މަސްދަޅު ކޭހުގެ އަގަށް ގެނައި ބަދަލާ އެކު ކޮންމެ މަސްދަޅެއްގެ އަގު ވަނީ ދެ ރުފިޔާ ހެޔޮވެފަ އެވެ. އެގޮތުން ފެން މަސްދަޅެއް 15.75 ރުފިޔާއިން 13.75 ރުފިޔާއަށް، އިކޮނޮމީ ޕެކް ފެން މަސްދަޅެއް 15.50 ރުފިޔާއިން 12.50 ރުފިޔާއަށް، ތެޔޮ މަސްދަޅެއް 16.50 ރުފިޔާއިން 14.50 ރުފިޔާއަށް، އަދި އިކޮނޮމީ ޕެކް ތެޔޮ މަސްދަޅެއް 15.25 ރުފިޔާއިން 13 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފަ އެވެ.

މިފްކޯގެ އެމްޑީ ވިދާޅުވި ގޮތުގައި، މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރައަކުން މަސްދަޅު ވިއްކާނީ އެ އަގުތަކުގަ އެވެ.

އަދުލީ ވިދާޅުވީ ފެލިވަރު ފެކްޓްރީގެ ޕްރޮޑަކްޝަން އިތުރު ކުރެވިފައިވާ އިރު، ބޭރުގެ ގައުމުތަކަށް ފޮނުވާ މަސްދަޅުތައް ވެސް ބަންދުކުރުން އިތުރުވާނެ ކަމަށެވެ.

"ގިނަ އަދަދަކަށް ބަންދު ކުރީމަ ފައިދާ ބޮޑުވާނެ. އެ ފައިދާ ރައްޔިތުންނަށް ހަމައަށް އޭގެ ނިސްބަތުން ގެނެސްދޭނަން،"

އަދުލީ ވިދާޅުވީ ރަމަޟާން މަހަކީ މިފްކޯއަށް އެންމެ ވިޔަފާރިވާ މަސް ކަމަށްވާ އިރު، އިތުރުވާ ނިސްބަތުން ތަކެތީގެ އަގު ހެޔޮކުރަމުން ދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރޯދަ މަހަށް މަސްދަޅުގެ ސްޓޮކު ހުސްވެގެން އުޅެންޖެހޭ ހާލަތެއް މެދުވެރި ނުވާނެ ކަމަށެވެ.

"ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން، އާންމުކޮށް ގެއެއްގައި ކާން ބޭނުންކުރާ ވަރަށް ކޮންޓިނުއަސްކޮށް. ރޯދަ މަހު ފެލިވަރުން ސްޓޮކެއް ހުހެއް ނުވާނެ،" އަދުލީ ވިދާޅުވި އެވެ.