21 May 2017, 15:32
މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ކޮޅުވެއްޓިއެއް ގެއްލިގެން އެ ހޯދަން ކުރި މަސައްކަތުގެ ވާހަކަ އެވެ. އެތައް މަސައްކަތްތަކެއް ކޮށް، އެތައް ސަރަހައްދެއް ހޯދިފަހުން، ހަތަރު ވަރަކަށް ދުވަސް ފަހުން ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތުން ތިއްބައި ފެނުނު ވާހަކަ އެވެ. ނަމަވެސް މި ހާދިސާގައި ސުވާލު އުފެދޭ އެތައްކަމެއް އަދިވެސް އެބަ ހުއްޓެވެ.
ކ. ތުލުސްދޫ އިން ފުރައިގެން ލ. ގަމަށް ދަތުރުކުރި، 168 ފޫޓުގެ އެ ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް އެކަމުގެ ރިޕޯޓް، ކޮޅުވެއްޓީގެ ވެރުފަރާތުން ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ 9:30 ހާއިރު އެވެ. އެއީ ކޮޅުވެއްޓި ފުރިތާ ވެސް 48 ގަޑިއިރު ފަހެވެ. ރިޕޯޓް ކުރިވަގުތު ވަރަށް ލަހެވެ. މޫސުން ހުރިގޮތަށް ބަލާ އިރު، ޓެކްނިކަލް މައްސައަކާ ހުރެ އެފަދަ ބޮޑު އުޅަނދެއް މިސްރާބުން ކައްސާލައިގެން ދާން މިއީ ކުޑަ އިރުކޮށްޅެއް ނޫނެވެ.
ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފްގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެފަރާތުން ވަނީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ހުޅަނގު މޫސުމުގެ ރޯނުނަކަތް ފެށި މޫސުން އެންމެ ގޯސްކަމަށް ރެކޯޑްކުރެވުނު ރެއަކީ ވެސް ކޮޅުވެއްޓި ގެއްލިގެން ރިޕޯޓްކުރި ރެ އެވެ. ކޯސްޓްގާޑްގެ ކަނޑުމަތީގެ އުޅަނދުތަކާއި، ހެލިކޮޕްޓަރާއި އިންޑިއާ ސިފައިންގެ އެހީގައި ފޯރުކޮށްދީފައިވާ މަނަވަރާއި އެއާކްރަފްޓް އަދި ޓީއެމްއޭގެ ސީޕްލޭން ބޭނުންކޮށްގެން އިއްޔެ އިރުއޮއްސުމާ ހަމައަށް ރެސްކިއު ޓީމުން ވަނީ 10900 ނޯޓިކަލް މޭލުގެ ސަރަހައްދެއް ކޮޅުވެއްޓި ފެނޭތޯ ބަލައިފަ އެވެ.
އެމްއެންޑީއެފުން އިއްޔެ ނިންމައިގެން ތިބީ، މިއަދު އިރުއޮއްސި 6:00 އާއި ރޭގަނޑު 23:59 އާ ދެމެދު ކޮޅުވެއްޓީގެ ހަބަރެއް ނުވެއްޖެ ނަމަ އެ އުޅަނދު ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރަށް ދާނެ ކަމަށެވެ. އެގޮތަށް ނިންމީ ކޯސްޓްގާޑްގެ ކޮމާންޑަރު މުހައްމަދު އިބްރާހީމް ވިދާޅުވި ގޮތުގައި، "ޑްރިފްޓްމޮޑެލް" ނަމަކަށް ކިޔާ އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އޮޔާ ވައި އަދި ރާޅު ބާނިތައް ހުރިގޮތަށް ބަލައި އުޅަނދު އޮޔާދާނެ ވަރު ދެނެގަތުމަށް ފަހު އެވެ.
"މި ވަސީލަތް ބޭނުންކޮށްގެން އިންޑިއާ ކަނޑުގަ ރާއްޖެ މިއޮތް ސަރަހައްދުގެ ހުރިހާ ހިސާބެއްގައި އޮޔާއި ވަޔާއި ރާޅު ހުރިގޮތެއް އެބަ އިނގޭ. އެޔަށް އެބަ އިނގޭ ލޭންޑިން ކްރާފްޓް [ކޮޅުވެއްޓި] އޮތް ސްޓްރަކްޗާއެއް ބުނެދިނީމަ އެ އޮޔާ ދާނީ ކިހާ ބާރުމިނެއްގައި، ކޮން ދިމާލަކަށް ކަން،" އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރު މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ކޮންމެއަކަސް ގަދަ ވަޔާއި ވިއްސާރާގައި އަދި ކަނޑުގެ ބޮޑެތި ބާނިތަކުގައި ކަނު އަނދިރީގައި ބުރަ ބޮޑު މަސައްކަތްތަކަކަށް ފަހު، ލަންކާގެ ސެނޮކް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނީގެ އެ އުޅަނދު ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެމްއެންޑީއެފުން ބުނީ އުޅަނދު މިސްރާބުން ކައްސާލައިގެން ދާން މެދުވެރިވީ، އޭގެ "ރޭމްޕް" ނުވަތަ، އެ އުޅަނދުގެ ކޮޅުގައި ހުރަހަށް ޖަހާފައިވާ ދަގަނޑު ފިލާގަނޑު، އޭގެ ޗޭނު ކެނޑިގެން ކަނޑަށް އެލިފައި އޮތުމުގެ ސަބަބުން ބޭނުންވާ މިސްރާބަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެން ކަމަށެވެ.
ރަނގަޅު ވާހަކައެކެވެ. ފޮޓޯތަކުން ވެސް ފެންނަނީ އެގޮތަށެވެ. ކޮޅުވެއްޓީގެ ކޮޅު އޮތީ ވެއްޓި ކަނޑަށް އެލިފަ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ މިހިސާބަށް ކަންކަން ދިޔައިރު، ސަލާމަތާބެހޭ ފަރާތްތަކަށް މިކަން ރިޕޯޓް ނުކުރީ ކީއްވެތޯ އެވެ. ކޮޅު ވެއްޓުމުގެ ކުރިން ވެސް އުޅަނދު ރޭންޖް ނުލިބޭ ހިސާބުން ބޭރަށް ދިޔައީތޯ އެވެ. ނުވަތަ ނުބައި މިސްރާބަކަށް ދަތުރުކޮށްގެން، ރޭންޖް ގެއްލުނީތޯ އެވެ. ވީ ކިހިނެއް ހެއްޔެވެ؟
އެފަދަ ބޮޑުކަމެއް މެދުވެރިވެގެން އުޅޭއިރު، އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރާނެ މުއާސަލާތީ ވަސީލަތެއް އެ އުޅަނދުގައި ހުރިބާވަ އެވެ. ގަދަ ކަނޑުގައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ އުޅަނދު ރައްކާތެރި ހިސާބަކަށް ނުވަތަ ފޯނުގެ ރޭންޖް ލިބޭ ހިސާބަކަށް ގެނައުމެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދަޅުވީ، އުޅަނދުގައި އެފަދަ ވަސީލަތްތައް ހުރިހާ އަދި ސީދާ ވަކިއެއްޗެއް ދަންނަވަން ދަތި ކަމަށެވެ.
މި ސުވާލުތަކުގެ ޖަވާބު އުޅަނދުގެ ކައްޕީގެ ފަރާތުން ލިބޭނެ ވަގުތަކަށް އިންތިޒާރު ކުރަމެވެ. މޫސުން ގޯސްކަމަށް އަދި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ހުރިހާ މުއައްސަސާއަކުން ހެން ގޮވަމުން އައި އިރު، ހުރިހާ ވަސީލަތެއް ފުރިހަމައަށް ނެތް އުޅަނދަކަށް މި އުޅަނދު ވާނަމަ އެއީ ވަރަށް ދެރަ ކަމެކެވެ.