12 Jul 2011, 13:10
މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައިގެން މަގާމުގެ ނޫފޫޒު ބޭނުންކުރައްވައި ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި ޝަރީއަތުގައި ހުވާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު، ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯއްދެވި ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނަރަލް )ޕީޖީ( އިން ކުރާ ދައުވާއަށް އިންކާރުކުރައްވައި އަމިއްލަ ދިފާއުގައި ހުލާސާ ބަޔާން ހުށަހަޅުއްވަމުން އިސްމާއިލް އަބްދުލް ހަމީދު ވިދާޅުވީ މާތްﷲ ގަންދީ ހުވާ ކުރަން ބޭނުންފުޅުވާ ކަމަށާއި އޭނާ ދުވަހަކު ވެސް ހިޔާނާތުގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. ޝަރީއަތުގެ އުސޫލުތަކުގެ މަތިން ހުވައި ލައިދެއްވުމަށް ގާޒީ އަބްދުﷲ ދީދީގެ އަރިހުގައި އިސްމާއިލް އަބްދުލް ހަމީދު އެދި ވަޑައިގަތުމުން ގާޒީ ވަނީ އެކަން ބަލައި ނުގަނެ އިންކާރު ކުރައްވާފަ އެވެ. ސަރުކާރުގެ މުވައްޒަފެއްގެ މަގާމުގައި ހުންނަވައިގެން އެއްވެސް ދުވަސްވަރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ކޮރަޕްޝަންގެ އެފަދަ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން ހުވާ ކުރަން ނުޖެހޭނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި އެފަދަ މައްސަލަތަކުގައި ހުވާ ކުރަން ނުޖެހޭތީ އެފުރުސަތު ދެވެން ނެތް ކަމަށެވެ.
ޝަރީއަތުގައި ޕީޖީގެ ވަކީލް ހުލާސާ ބަޔާން ހުށަހަޅުއްވަމުން ވިދާޅުވީ އިސްމާއިލް އަބްދުލް ހަމީދު، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި ކޮރަޕްޝަންގެ އަމަލް ހިންގެވި ކަމަށް "ޝައްކެއްނެތް މިންވަރަށް ހެކި ލިބިފައިވާ" ކަމަށެވެ.
ވަކީލް ވިދާޅުވީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ކޮޅުވެއްޓި ގެނައުމުގައި އިސްމާއިލް އަބްދުލް ހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބިއްޖެ ކަމަށް ބުނެ އެ ފައިސާ އެޕްރީލް 28، 2008 ގައި އެ ކުންފުންޏަށް ހޯދާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދު ވޭސްޓް މެނޭޖުމަންޓަށް ލިބިފައި ވަނީ އެއް އަހަރު ފަހުން، އޮކްޓޯބަރު 32, 2009، ވަނަ އަހަރު ކަމަށެވެ.
ކޮޅުވެއްޓި ވިއްކާ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރާނެ މިންވަރެއް އަދި އަޅާނެ ފިޔަވަޅުތަކެއް އެ އުނޅަދު ވިއްކި ކުންފުންޏާއެކު އެއްބަސްވެފައި ނުވާ ކަމަށާއި އެއީ ސަރުކާރުގެ އިދާރާއަކުން ވިޔަފާރީގެ މުއާމަލާތެއް ކުރުމުގައި އަމަލް ކުރަންޖެހޭ ގަވާއިދުތަކާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން އިސްމާއިލް އަބްދުﷲ ހަމީދު ވަނީ ކޮޅުވެއްޓި ވިއްކި ކުންފުންޏަށް ކަނޑައެޅިގެން ނާޖައިޒް ފައިދާއެއް ހޯދައިދީފައިވާކަން އެނގޭ ކަމަށެވެ.
އިސްމާއިލް އަބްދުލް ހަމީދު ވިދާޅުވީ ވޭސްޓް މެނޭޖުމަންޓަށް ނުވަތަ މުނިސިޕަލްޓީއަށް އުނޅަދެއް ލިބުނު ކަމަށް ވަނީ "ގާދޫކޮލުން ވަނީމަތޯ، މާލޭގެ ފަޅަށް ވަނީމަތޯ ނުވަތަ މުނިސިޕަލްޓީއަށް އެހެލުމުން" ކަމެއް ރާއްޖޭގެ ގާނޫނަކުން އެގެން ނެތް ކަމަށެވެ. އަދި އޭނާ މުނިސިޕަލްޓީގެ ޑިރެކްޓަރަކަށް ހުންނަވައިގެން ގެނެސްފައިވާ ކޮޅުވެއްޓިއަކީ އެދުވަސްވަރުގެ އަގަށް ބަލައި ހެޔޮ އަގުގައި ގެނެސްފައިވާ ކޮލެޓީ އުޅަނދެއް ކަމަށެވެ. އަދި ވޭސްޓް މެނޭޖުމަންޓުން ބޭނުންކުރާ ކޮޅުވެއްޓިތަކަށް ވުރެ، ހެޔޮ އަގުގައި ގެނެސްފައިވާ އެ ކޮޅުވެއްޓީގެ ސަބަބުން ސަރުކާރަށް ފައިދާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮޅުވެއްޓި މުނިސިޕަލްޓީއަށް ވިއްކި ކުންފުންޏަށް އަދިވެސް ސަރުކާރުން 150000 ޑޮލަރު ނުދޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހެޅުއްވުމުން ދެން އޮންނަ ޝަރީއަތެއްގައި މައްސަލާގެ ހުކުމް އިއްވާނެ ކަމަށް ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ.