14:30


"ޓަޗް ނެޓް" ނަމުގައި އާ ޚިދުމަތެއް ދިރާގުން ތަޢާރަފްކޮށްފި އެވެ.


ނަލަހިޔާ ހޮޓަލުގައި މި ޚިދުމަތާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ދިރާގުގެ ހެޑް އޮފް މާކެޓިން އަހުމަދު މައުމޫން މިއަދު ވިދާޅުވީ ދިރާގު ބްރޯޑް ބޭންޑްގެ ޚިދުމަތުގެ ތެރޭގައި ހިމެނޭ މި ޚިދުމަތަކީ ތްރީޖީ ލިބޭ ހުރިހާ ހިސާބެއްގައި ވެސް ބޭނުންކުރެވޭނެ ޚިދުމަތެއް ކަމަށެވެ. "ޑްރީމް" "ޑިސްކަވަރ" އަދި "ޑައިވް" ނަމުގައި ތިން ޕެކޭޖެއް ހިމެނޭ މި ޚިދުމަތް މާދަމާ އިން ފެށިގެން ބޭނުން ކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.


ޓަޗް ނެޓްގައި ހިމެނޭ އެއް ޖީބީ ޑްރީމް ޕެކޭޖެއްގެ އަގަކީ މަހެއްގެ މައްޗަށް 160 ރުފިޔާ އެވެ. އަދި ދެ ޖީބީ ޑިސްކަވަރ ޕެކޭޖެއްގެ އަގަކީ މަހެއްގެ މައްޗަށް 250 ރުފިޔާ އެވެ. މީގެ އިތުރުން މަހެއްގެ މައްޗަށް 449 ރުފިޔާ ދައްކަންޖެހޭ ޑައިވް ޕެކޭޖްގައި ހިމެނެނީ ހަތަރު ޖީބީ އެވެ.


މައުމޫން ވިދާޅުވީ ހިލޭ ގުޅައިދިނުން އިންނަ މި ޚިދުމަތުގެ މޯޑަމެއްގެ އަގަކީ 1600 ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މާދަމާ ބާއްވާ ޚާއްސަ ޕްރޮމޯޝަނުގައި މޯޑަމް ލިބެން ހުންނާނީ އަގުހެޔޮކޮށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.