21 May 2017, 12:14
ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު ފުރަތަމަ ޑައިރެކްޓު ކުރާ ފިލްމުގައި އޭނާ އަދާކުރާނީ 80 އަހަރުގެ ދުވަސްވީ އަންހެނެއްގެ ރޯލު ކަމަށް އޭނާ ބުނެފި އެވެ.
ކަންގަނާ ޑައިރެކްޓު ކުރަން ހަމަޖެހިފައި ވަނީ 'ތޭޖޫ' ކިޔާ ފިލްމެކެވެ. އެ ފިލްމުގައި ކަންގަނާ އަދާކުރާނީ 'ތޭޖޫ' ގެ ރޯލެވެ. ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކަންގަނާ ބުނީ އެ ފިލްމުގައި އޭނާ ފެނިގެން ދާނީ އުމުރުން ދުވަސްވި ނަމަވެސް، ވަރަށް ހަރަކާތްތެރި އަދި ޒުވާންކަމުގެ އިހުސާސް ހިތުން ނުފިލާ މީހެއްގެ ގޮތުގައި ކަމަށެވެ.
ކަންގަނާ އެންމެ ތުއްތު އިރުން ފެށިގެން ވެސް ބަލައިބޮޑުކުރީ އޭނާގެ މާމަ އާއި ކާފަ އެވެ. ކަންގަނާ ބުނީ އޭނާ އުޅެ ބޮޑުވީ އުމުރުން ދުވަސްވީ މީހުންގެ ގާތުގައި ކަމުން، އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތާއި، އެހެން މީހުން އެމީހުންނާ ދޭތެރޭ ކަންތައް ކުރާގޮތް ވަރަށް ގާތުން ފެނިފައިވާ ކަމަށެވެ.
ފިލްމު ޑައިރެކްޓު ކުރުމުގެ އިތުރުން ކަންގަނާ އަންނަނީ ފިލްމުގެ ސްކްރިޕްޓު ވެސް ލިޔަމުންނެވެ. އަދި ފިލްމު ޕްރޮޑިއުސް ކުރާނީ ވެސް އޭނާ އެވެ. ކަންގަނާ ބުނީ އަމާޒަކީ 2018 ވަނަ އަހަރުގެ ފަހުކޮޅު ފިލްމު ރިލީޒް ކުރުން ކަމަށެވެ.
ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ ހިމާލަޔާ ފަރުބަދައިގަ އެވެ.