ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމާއި ޕާޓީގެ ލީޑަރު ތަސްމީން ސުލްހައިގެ ވާހަކަތަކުގައި ދެ ބޭފުޅުންގެ ފަރާތުން ބައިވެރިވާ ވަފުދަށް ވަގުތު ދެވެން ނެތިގެން ސުލްހައިގެ ވާހަކަތައް ކެންސަލް ކޮށްފި އެވެ.

މިދިޔަ މަހުން ފެށިގެން ޑީއާރުޕީގެ ކައުންސިލަރުންތަކެއް އިސް ނަގައިގެން މައުމޫން އާއި ތަސްމީން ތަމްސީލް ކުރައްވާ ބޭފުޅުންގެ މެދުގައި ކުރިއަށްގެންދާ މަޝްވަރާތަކުގެ ދެވަނަ ބުރުގެ ވާހަކަތަކެއް ބޭއްވުމަށް ޝެޑިއުލްކޮށްފައި އޮތީ ރޭގެ ވަގުތަކަށެވެ.

ވާހަތަކުގައި އިސްކޮށް އުޅުއްވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވީ ވާހަކަތަށް ކެންސަލްކުރަންޖެހުނީ ދެ ފަރާތުގެ ވަފްދު "ބިޒީ" ވެގެން ވަގުތު ދެވެން ނެތިގެން ކަމަށެވެ.
"މީގެ ފަހަތުގައި އެއްވެސް އެހެން ސަބަބެއް ނެތް. އެބޭފުޅުން ވަރަށް އިހުލާސްތެރިކަމާއި އެކު ވިދާޅުވި އެބޭފުޅުންގެ މަސައްކަތްޕުޅު ހުރިގޮތުގެ ވާހަކަ. އަޅުގަނޑުމެންނަށްވެސް އެބޭފުޅުންގެ ބިޒީކަމުން ބައިވެރިވަޑައި ނުގެންނެވޭކަން ގަބޫލު ކުރެވޭ،" ސައީދު ވިދާޅުވި އެވެ.

ދެ ފަރާތުން ބިޒީވެ ސުލްހައިގެ ދެވަނަ ބުރުގެ ވާހަކަތައް ކެންސަލް ކުރަން ޖެހުނު އިރު ޒެޑް ޑީއާރުޕީން ވަނީ މަޖިލީހުގެ ކޮމެޓީތަށް ބެހުމުގެ މައްސަލައިގާ ޕާޓީގެ ލީޑަރު ތަސްމީނަށް ވަރަށް ބޮޑަށް ފާޑު ކިޔައި ބަހުގެ ހަމަލާތައް ރައްދުކޮށްފަ އެވެ.
ކައުންސިލަރު ސައީދު ވިދާޅުވީ ދެ ފަރާތުންވެސް ސުލްހައިގެ ވާހަތަކުގައި މަޝްވަރާ ކުރާނެ ކަރުދާސް މިހާރު ހުށަހަޅާފައި ވާކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާތަކުން ހައްލުނުކުރެވޭނެ ކަމެއް މައުމޫނާއި ތަސްމީންގެ ދެމެދުގައި ނެތްކަމަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކުރެވިއްޖެ. އެ ކަރުދާސްތަކުން މަޝްވަރާ ކޮށްގެން ހައްލު ނުކުރެވޭނެ ކަމެއް ނެތް ކަން. މިކަންތައްތަކަށް މަޝްވަރާކޮށް ގޮތްތަކެއް ހޯދައި ހިޔާލު އެއްގޮތް ކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.
އެ ކަރުދާހުގައި ހިމެނޭ އެއްވެސް ކަމެއްގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.