އަތޮޅު ކޮމެޓީގެ ބަޖެޓުން ހަރަދުކޮށްގެން ލޯންޗެއް ގަތުމަށް ދ. އަތޮޅު ކައުންސިލުން ނިންމި ނިންމުން އެ އަތޮޅު ރިނބުދޫ ކައުންސިލުން ކުށްވެރިކޮށް ގަރާރެއް ނެރެފި އެވެ.

ރިނބުދޫ ކައުންސިލުން އިއްޔެ ނެރުނު ގަރާރު ގައި ބުނެފައި ވަނީ ކައުންސިލްގެ އިދާރީ ކަމަކަށް އަތޮޅު ބަޖެޓުން ހަރަދު ކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އަދި އެ ނިންމުމަކީ އެ ކައުންސިލުން ގަބޫލު ކުރާ ނިންމުމެއް ނޫން ކަމަށެވެ.

ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް މިއަދު ވިދާޅުވީ، ދ. އަތޮޅު ކައުންސިލުން ލޯންޗެއް ގަތުމަށް ނިންމާފަ ވަނީ އެ އަތޮޅުގެ އެހެން އެއްވެސް ކައުންސިލަރަކާއި މަޝްވަރާ ނުކޮށް ކަމަށާއި އެކަމާ ގުޅިގެން ނެރުނު ގަރާރު ގައުމީ އިދާރާ މެދުވެރިކޮށް ފިނޭސަށް ފޮނުވާފައިވާނެ ކަމަށެވެ. ހާތިމް ވިދާޅުވީ އެ އަތޮޅުގެ ރަށްތަކަށް ދަތުރު ކުރާނެ ފެރީ އޮންނަ އިރު ލޯންޗެއް ގަތުމުން އެއީ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ.

"މިކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކައި މިހާރު ވާނީ ގަރާރެއް އަތޮޅު ކައުންސިލާއި، ގައުމީ އިދާރާ އާއި، ލޯކަލް ގަވާމެންޓް އޮތޯރިޓީ އަދި ފިނޭންސަށް އިއްޔެ ފޮނުވާފައި. އެކަމަކު އަދި ޖަވާބެއް ނުލިބޭ،" ހާތިމް ވިދާޅުވި އެވެ.