މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ދިވެހިންގެ ލޯބި ހޯދި، ޝަލަބީ އިބްރާހިމް މިހާތަނަށް ދިން ކޮންމެ ޝޯއަކީ ވެސް ވަރުގަދަ ޝޯއެކެވެ. އެ ޝޯ ތަކަކީ އޭނާގެ ސަޕޯޓަރުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދިން ޝޯތަކެކެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކ. މާފުށީގައި ޝަލަބީ ދިން ޝޯއަކީ ވެސް ވަރުގަދަ ޝޯއެކެވެ. މާފުށީގެ ކާމިޔާބު ހޮޓެލް އޮޕަރޭޓަރެއް ކަމަށްވާ އެރީނާ ހޮޓެލްސް އިން އިންތިޒާމް ކޮށްގެން ގެސްޓް ހައުސް ވިޔަފާރިއަށް ފައްކާވެފައިވާ އެ ރަށުގެ އާއްމުންނާއި ފަތުރުވެރިންގެ ފަރާތުން ޝަލަބީ އަށް ދިޔައީ ތަރުހީބު އޮހިގެންނެވެ.

ޝަލަބީ އާއެކު އިއްޔެ މާފުށީގައި ބޭއްވި ޝޯގެ ތެރެއިން --- ފޮޓޯ/ އެރީނާ ބީޗް ހޮޓެލްސް

"ކުރިން ވެސް މިރަށުގައި ޝޯ ބާއްވާނެ. އެކަމަކު ޝޯ ފަށައިގެން ގޮސް ނިމެންދެކަށް ނުއެއް ތިބޭނެ. އިއްޔެ ހަވީރު ފެށި ޝަލަބީ ޝޯ ރޭ 11 ޖަހާ ނިމެންދެން ގިނަ އަދަދެއްގެ މީހުން ތިބި ޝޯ ބަލަން. ޝަލަބީ މުޅި ޝޯ ކޮންޓްރޯލް ކުރި،" އެރީނާ ހޮޓެލްސްގެ މާކެޓިން މެނޭޖަރު އައިޝަތު މަހުފާ (މަހޫ) ވިދާޅުވިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޝަލަބީ ބުނީ މާފުށީގައި ދިން ޝޯއަކީ އޭނާ ދިން ޝޯތަކާ އަޅާބަލާއިރު ތަފާތު ޝޯއެއް ކަމަށެވެ. އެގޮތުން މާފުށިން ލިބުނު ތަރުހީބާ ލިބުނު މެހެމާންދާރީއާ ދޭތެރޭ އޭނާ ހުރީ އުފަލުންނެވެ.

"ވަރަށް ސަޅި، މެހެމާންދާރީ ވެސް ވަރަށް ސަޅި... މިއީ މިހާތަނަށް އެންމެ ގިނަ އިރުވަންދެން ކުޅުނު ޝޯ ކަން ނޭނގެ. އަސްލު އެވަރުގެ ކްރައުޑެއް އޮތީމަ ދިގު ލައިގެން ދިޔައީ ވެސް. ތަޖުރިބާއާއި ކްރައުޑް ވަރަށް ސަޅި،" ޝޯއާ ދޭތެރޭ ހިތްހަމަޖެހިފައިހުރެ ޝަލަބީ ބުންޏެވެ.

ޝަލަބީ އާއެކު އިއްޔެ މާފުށީގައި ބޭއްވި ޝޯގެ ތެރެއިން: މިއީ މާފުށީގައި ޝަލަބީ ހުށަހަޅައިދިން ފުރަތަމަ ޝޯ --- ފޮޓޯ/ އެރީނާ ބީޗް ހޮޓެލްސް

މަހޫ ވިދާޅުވި ގޮތުގައި، ޝޯ ދިނުމުގެ ކުރިން ތަންކޮޅެއް މޫސުން ގޯސްކޮށް އުޅުނު ނަމަވެސް، ޝޯ އަށް 300 އަށްވުރެ ގިނަ މީހުން އައި ކަމަށެވެ. އޭގެ ތެރޭގައި މާފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ގެސްޓުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރީނާ ހޮޓެލްސް ވުޖޫދަށް އައީ ހަތަރު ކޮޓަރިއާއެކު 2010 ވަނަ އަހަރު ހުޅުވި އެރީނާ ލޮޖް ހޮޓެލާއެކުއެވެ. މިއަދު އެރީނާ ހޮޓެލްސްގެ ދަށުން މާފުށީގައި ހަތަރު ގެސްޓް ހައުސްއެއް ދަނީ ހިންގަމުންނެވެ.

އެ ގެސްޓް ހައުސްތަކުގައި ޖުމްލަ 60 ކޮޓަރި ހިމެނޭއިރު، ހަ ކެޓަގަރީއެއްގެ އެ ކޮޓަރިތަކުގެ އަގުތައް އުޅެނީ ރެއަކަށް 50 ޑޮލަރުން ފެށިގެން 225 ޑޮލަރާ ދެމެދުއެވެ.

ޝަލަބީ އާއެކު އިއްޔެ މާފުށީގައި ބޭއްވި ޝޯގެ ތެރެއިން --- ފޮޓޯ/ އެރީނާ ބީޗް ހޮޓެލްސް