ވޮޝިންޓަން : ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ލީބިޔާގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީ މަޤާމުން ދުރުކުރަންޖެހޭ ކަމަށްބުނެ ކުރިޔަށްވުރެ ހަރުކަށިކޮށް އެމެރިކާ ވާހަކަ ދައްކައިފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއް ބުނިގޮތުގައި ގައްޒާފީ ލީބިޔާގެ ވެރިކަމުގައި ދެމިހުންނަވައިގެން ނުވާނެ ކަމަށާ އަދި އެއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެހެންނަމަވެސް ގައްޒާފީ ވެރިކަމުން ދުރުކުރާނެ ގޮތެއް ނިންމާނީ ލީބިޔާގެ ރައްޔިތުން ކަމަށް އެމެރިކާގެ ބަޔާން ބުނެއެވެ.

އެމެރިކާ މިހެން ބުނެފައިވަނީ ބާރުގެ ބޭނުންކޮށްގެން ގައްޒާފީ ވެރިކަމުން ދުރުކުރުމަކީ ލޭއޮހޮރުވުން ބޮޑު ކަމެއްކަމަށާ ގައްޒާފީ ވެރިކަމުން ދުރުކުރިނަމަވެސް ބާރުގެ ބޭނުންކޮށްގެން ލީބިޔާގެ މައްސަލަ ޢަސްކަރީ ގޮތުން ޙައްލު ކުރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް ވިދާޅުވެ ފަރަންސޭސި ދިފާޢީ ވަޒީރު ގީރާރު ލުންޖީ އިއްޔެ ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ފަރަންސޭސިވިލާތަކީ ޢަސްކަރީ ބާރުބޭނުންކޮށްގެން ލީބިޔާގެ މައްސަލަ ޙައްލުކުރަން މިހާތަނަށް އެންމެ ބޮޑަށް މަސައްކަތްކުރި ޤައުމެވެ. ފަރަންސޭސި ދިފާޢީ ވަޒީރުވަނީ ގައްޒާފީއަށް ތާއީދުކުރާ ފަރާތްތަކާއި ގައްޒާފީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ވެރިން ބައްދަލުކޮށް ލީބިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރެވޭނެ ގޮތްތަކެއް އެކަށައެޅުމަށް ގޮވާލައްވާފައެވެ.

ފަރަންސޭސިދިފާޢީ ވަޒީރުގެ މިގޮވާލެއްވުމަށް ލީބިޔާގެ އިދިކޮޅު ފަރާތްތައްވަނީ ނުރުހުން ފާޅުކޮށްފައެވެ. ލީބިޔާގެ އިދިކޮޅު ފަރާތްތައް ބޭނުންވަނީ ގައްޒާފީގެ ސަރުކާރާއެކު ސުލްޙައިގެ އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން ވެރިކަން ދޫކޮށްލައްވައި ގައްޒާފީ ލީބިޔާއިން ފުރާވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ލިބުމެވެ.

ނަމަވެސް ގައްޒާފީ ގެންދަވަނީ ކަނޑައެޅިގެން މިކަމަށް ދެކޮޅު ހައްދަވަމުންނެވެ. ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ނޭޓޯއާއި އެމެރިކާ ގުޅިގެން ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަނަށް ތިންމަސް ބައިވީއިރުވެސް ގައްޒާފީގެ ބާރުތައް ބަލިކުރެވިފައެއް ނުވެއެވެ. އަދި ގައްޒާފީ ވެރިކަމުން ދުރުކުރެވިފައެއްވެސް ނުވެއެވެ.

ލީބިޔާގެ އަހްލީ ހަނގުރާމައިގެ ސަބަބުންނާއި ނޭޓޯގެ ބޮމުގެ ޙަމަލާތަކުގެ ސަބަބުން ލީބިޔާގެ އެތަށް ހާސްބަޔަކުމަރުވެ ޒަޚަމްވެ ރައްޔިތުން ބިކަވެ ޙާލުގައި ޖެހެމުންދާއިރު ލީބިޔާގެ ޢިމާރާތްތަކާއި އިންފްރާސްޓްރަކްޗަރ އާއި ބޮޑެތި ސިޓީތައްދަނީ ފުނޑުފުނޑުވެ ބިމާ ހަމަވަމުންނެވެ. -- ރޮއިޓާސް