20 May 2017, 21:16
ށ. ކޮމަންޑޫ ކައުންސިލްގެ ތިން ވަނަ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާރިފް ކާމިޔާބު ކޮށްފިއެވެ.
އާރިފް ކޮމަންޑޫ ކައުންސިލްގެ ތިން ވަނަ ގޮނޑި ކަށަވަރު ކުރެއްވީ މިއަދު ބޭއްވި އެ ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހުނީ އާރިފްގެ އިތުރުން އެމްޑީޕީގެ އިތުރު ކެންޑިޑޭޓެއް ކަމުގައިވާ އަހުމަދު ރިފްއަތާ ދެ ބޭފުޅުން 518 ވޯޓުން އެއްވަރުވުމުންނެވެ.
ކޮމަންޑޫގައި ބެހެއްޓި ދެ ފޮއްޓާއި މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ ދައްކާގޮތުން އާރިފަށް 384 ވޯޓު ލިބުނުއިރު، ރިފްއަތަށް ލިބުނީ 340 ވޯޓެވެ.
މިދިޔަ ހޮނިހިރު ދުވަހު ކައުންސިލް އިންތިޚާބުގައި ކޮމަންޑޫ ކައުންސިލަށް ވޯޓުދިން މީހުންގެ އަދަދާއި މިއަދު ދެވަނަ ބުރުގައި ވޯޓުލި މީހުންގެ އަދަދު ވަރަށް ބޮޑަށް މަދެކެވެ. މިއަދު 773 މީހުން ވޯޓުލާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 406 އަންހެނުންނާއި 331 ފިރިހެނުންނެވެ.
ކޮމަންޑޫ ކައުންސިލްގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، އެ ކައުންސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ. އެ ކައުންސިލަށް އިންތިޚާބުވި އަނެއް ދެ ކެންޑިޑޭޓުންގެ ތެރެއިން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ޝުޖުއާން އަށް ލިބިފައި ވަނީ 568 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުފީދަށް ލިބިފައި ވަނީ 556 ވޯޓެވެ.