ކްރިސްޓޮފާ ނޯލަން ޑައިރެކްޓްކުރި ބެޓްމޭންގެ ތިން ވަނަ ފިލްމު، "ދަ ޑާކް ކްނައިޓް ރައިސަސް"ގެ ވިލަން ބޭންގެ ރޯލު ކުޅުނު ޓޮމް ހާޑީ އަށް އަނެއްކާ ވެސް މިއޮތީ ވިލަން އެއްގެ ރޯލުން ޖާގަ ލިބިފައެވެ. މިފަހަރު ސޮނީ މާވެލް ޔުނިވާސް އިން ސްޕައިޑަ މޭންގެ ވިލަން، ވެނޮމް އަށް ހާއްސަކޮށްގެން އުފައްދާ ފިލްމުގެ ލީޑް ރޯލުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، "ޒޮންބީލޭންޑް"ގެ ޑައިރެކްޓަރު ރުބެން ފްލައިޝާ ޑައިރެކްޓްކުރާ އެ ފިލްމުގައި ވެނޮމްގެ ރޯލު ކުޅެން އޮސްކާ ނޮމިނޭޓެޑް އެކްޓަރު، ޓޮމް ހާޑީއާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ވެނޮމްގެ މޫނުމަތި ޖެހި ފޮޓޯއަކާއެކު ނަގާފައިވާ ފޮޓޯއެއް ހާޑީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ސޮކްޓް ރޮސެންބާގް އަދި ޖެފް ޕިންކްނާ ސްކްރިޕްޓް ލިޔާ ވެނޮމް ފިލްމުގައި ވެނޮމްގެ ރޯލުން ޓޮމް ހާޑީ ފެނިގެންދާއިރު، ރިޕޯޓްތައް ބުނާގޮތުން ޓޮމް ހާޑީއަކީ ވެނޮމްގެ ފޭނެކެވެ. މިއަހަރުގެ ކުރީކޮޅު އިއުލާންކުރި ވެނޮމްގެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

ސްޕައިޑަ މޭންގެ އެންމެ މަގްބޫލް ކެރެކްޓާރ، ވެނޮމް އެންމެ ފުރަތަމަ ބޮޑު ސްކްރީނުން ފެނިގެންދިޔައީ ސޭމް ރައިމީ ޑައިރެކްޓްކުރި، "ސްޕައިޑަ މޭން 3" އިންނެވެ. އެ ފިލްމުގައި ވެނޮމްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޓޮފާ ގްރޭސްއެވެ.

އޭގެ އިތުރުން މާވެލް ކޮމިކްސްގެ ތާރީހުގައި ސްޕައިޑަ މޭންގެ އިތުރުން އަޔަން މޭން، ޑެޑްޕޫލް، ހަލްކު އަދި އެހެން މާވެލް ކޮމިކް ކެރެކްޓާތަކާއެކު ވެސް ވެނޮމް ފެނިގެން ގޮސްފައިވެއެވެ.