20 May 2017, 23:33
ކިރްގިސްތާނުގައި ކުރިއަށްގެންދާ ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް 2018ގެ އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތުގައި ރެފްރީކަން ކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު ރެފްރީ އަހްމަދު ސަލީމް (ކުނޑި ސަލީމް) ފުރައިފިއެވެ.
މި މަހުގެ 23 އިން 29އަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރެފްރީ ކުނޑި ސަލީމް ފުރާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މެދުނުކެނޑި 21 އަހަރު ރެފްރީއެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާ ސަލީމް 'ސަން ސްޕޯޓްސް' އަށް މިރޭ ވިދާޅުވީ، އޭނާއަށް ލިބުނު ފުރުޞަތަކީ ވޮލީ ރެފްރީއެއްގެ ގޮތުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ލިބުނު އެންމެ ބޮޑު އަދި އެންމެ މުހިންމު ފުރުޞަތު ކަމަށާއި އެކަމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުންކޮށް ރާއްޖެ އެހެން ގައުމެއްގައި ތަމްސީލް ކުރެވޭތީ އުފާކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބޭނުންވަނީ މި ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅަށް ކުރަން. އެކި ގައުމުތަކުން އަންނަ ރެފްރީންނާއި އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ރަނގަޅަށް ރެފްރީކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. އުންމީދަކީ އެހެން މީހުން ހިތްހަމަޖެހޭ ވަރަށް މެޗުތަކުގައި އިންސާފު ކުރުން،" ސަލީމް ވިދާޅުވިއެވެ.
ސަލީމަށް ލިބުނު ފުރުޞަތާ ގުޅޭގޮތުން ވޮލީބޯޅަ އެސޯސިއޭޝަންގެ މާކެޓިން އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވީ، ސަލީމަށް ލިބުނު ފުރުޞަތަކީ ރެފްރީންނަށް މިހާރުގެ އެސޯސިއޭޝަނުން އިސްނަގައިގެން ފަހިކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ފުރުޞަތުތަކުގެ ތެރެއިން ރަނުގެ ފުރުޞަތެއް ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް އެފަދަ ފުރުޞަތުތައް ހޯދައިދިނުން ކަމަށެވެ.
"ރެފްރީންނާއި ކޯޗުންނަށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހޯދައިދިނުމަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ކުރާކަމެއް. އޭގެ ތެރެއިން ލިބުނު ފުރުޞަތެއް މިއީ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފުރުޞަތުތައް ހޯދޭތޯ މަސައްކަތް ކުރާނަން،" ޝާފީ ވިދާޅުވިއެވެ.