12 Jul 2011, 11:23
ޖަރުމަންވިލާތުގެ ޝާލްކޭއިން ބެޔާން މިއުނިކާއި އަލަށް ގުޅުނު ކީޕަރު ނޯޔާއާއި ދެކޮޅަށް ބެޔާންގެ ސަޕޯޓަރުން ހަޅުތާލުކުރަމުންދިޔަކަމަށް ވިޔަސް އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އޭނާ ބުނެފިއެވެ.
ނޯޔާ ބެޔާން އާއި ގުޅުނު ފަހުން ބެޔާންގެ އަމިއްލަ ސަޕޯޓަރުން ދަނީ ކެނޑިނޭޅި ކީޕަރު ނޯޔާއަށް ފާޑުކިޔަމުންނެވެ. ނަމަވެސް ނޯޔާ އެ ފާޑުކިޔުންތަކާއި ހަޅުތާލުތައް ފާހަގަކޮށްފައިވަނީ އޭނާއަށް ލިބޭ އިތުރު ހިތްވަރަކަށެވެ.
"އަހަރެންނަކީ ތަޖުރިބާކާރު ކީޕަރެއް. އެހެންކަމުން އަހަރެންގެ އަމާޒަކަށްވާނީ އެކަންތައްތަކާއި ނުބެހި ޒިންމާއާއިގެން ކުރިއަށްދިއުން. އެކަންތައްތަކުން ވެސް އަހަރެންނަށް އިތުރު ހިތްވަރެއް ލިބިއްޖެ،" ކީޕަރު ނޯޔާ ބުންޏެވެ.
ޝާލްކޭއިން ހޯދި ކާމިޔާބީގެ އަލީގައި ބެޔާންއިން އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަމަށް ކީޕަރު ނޯޔާ ހަމަކުރިއެވެ.
"އަހަރެންގެ ޚަޔާތުގައި ވަރަށް އުފާވެރި ދުވަސްތަކެއްވޭ. ޝާލްކޭގައި ހުރެ މިދިޔަ އަހަރު ލިބުނު ޑީއެފްބީ ޕޯކަލް ތައްޓަކީވެސް އަހަރެންނަށް ލިބުނު ކާމިޔާބީއެއް. ބެޔާންގައި ހުރި އިތުރު ބޮޑެތި ކާމިޔާބީތަކެއް ހޯދަން ބޭނުންވޭ،" ނޯޔާ ބުންޏެވެ.
ބެޔާން މިއުނިކުން ތުރުކީ ތަރި ހާމިތް ވަކިވެ ރެއާލް މެޑްރިޑާއި ގުޅިފައިވާއިރު އެކްލަބުން ދަނީ ޗެލްސީގެ ޑިފެންޑަރު އެލެކްސްއާއި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް ހޯދުމަށް މަސައްކަތްކުރަމުންނެވެ.