ރިޔާދު (މެއި 20): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ އަރަބިއާއަށް މިއަދު ވަޑައިގެންފި އެވެ.

އަށް ދުވަހަށް ދެމިގެންދާނެ އެދަތުރުފުޅުގައި ސައުދީ އަރަބިއާގެ އިތުރުން އިސްރާއީލް، ފަލަސްތީން، ބްރަސެލްސް، ވަޓިކަން އަދި ސިސިލީ އަށް ޓްރަމްޕް ޒިޔާރަތް ކުރައްވާނެ އެވެ.

ސައުދީ އަރަބިއާއިން ރައީސް ޓްރަމްޕަށާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕަށް މަރުހަބާ ވިދާޅުވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދު އެވެ.

އެގައުމުގައި ޓްރަމްޕް ހޭދަ ކުރައްވާ ދެދުވަހު ރިޔާދުގައި އޮންނަ އަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިސްލާމް ދީނުގައިވާ ސުލްހަވެރި ކަންކަމާއި އިސްލާމް ދީނާ ބެހޭ ގޮތުން އެމެރިކާ އާއި ހުޅަނގުން ދެކޭ ގޮތާ ބެހޭ ގޮތުން ތަގުރީރެއް ދެއްވާނެ އެވެ.

ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް ސައޫދީ ރަސްގެފާނު ބާއްވައި ދޭ އެސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށާއި ސޫރިޔާ އާއި އީރާނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އަރަބި އިސްލާމީ ގައުމުތައް އެލައެންސެއްގެ ގޮތުގައި ނެރުމުގެ ބޭނުމުގައި ބާއްވާ ސަމިޓެއް ކަމަށް ވައިޓް ހައުސްއިން ކުރިން ބުނެފައިވެ އެވެ. އެސަމިޓުގައި މުސްލިމް 50 ގައުމެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ރައީސް ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން ތެރޭގައި އޭނާ ވަނީ މުސްލިމުން އެމެރިކާ އަށް އެމެރިކާ އަށް ވަނުން މަނާކުރަން ގޮވާލައްވާފަ އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެފަދަ ދެ އަމުރެއް ނެރުއްވި ނަމަވެސް އެގައުމުގެ ކޯޓުތަކުން ވަނީ އަމުރު ތަންފީޒު ކުރުން ހުއްޓުވާފަ އެވެ. (ބީބީސީ)