މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ހިންދީ ފިލްމު 'ދަންގަލް' އަށް ޗައިނާގައި ބޮޑު ތަރުހީބެއް ލިބެމުން ދިޔަ ނަމަވެސް، ޗައިނާގެ ފެމިނިސްޓުންނަށް އެ ފިލްމު އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ.

އާމިރު ޚާންގެ ބްލޮކްބަސްޓާ ފިލްމު ޗައިނާގައި ރިލީޒް ކުރީ މި މަހުގެ ކުރީކޮޅު އެވެ. ޗައިނާގެ 9000 ސްކްރީނެއްގައި ފިލްމު ދައްކަމުން އަންނަ އިރު ދެ ހަފްތާގެ ތެރޭގައި ފިލްމަށް ވަނީ 200 ކުރޯރު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.

ޗައިނާގައި 'ދަންގަލް' އަށް ތަރުހީބު އޮހެމުން ދިޔަ ނަމަވެސް، ޗައިނާގެ ފެމިނިސްޓުން ދަންގަލް އަށް ދީފައި ވަނީ ސުމެކެވެ. އެމީހުން ބުނަމުން އަންނަނީ ފިލްމަކީ ފިރިހެނުން ބުނި ގޮތަކަށް، އެމީހުން ދެއްކި މަގަކުން އަންހެނުން ހިނގަން ޖެހޭނެ ކަމަށް ބުނާ ފިލްމެއް ކަމަށެވެ.

އަދި ބައްޕަ އަކު އޭނާގެ އަންހެން ދަރިންނަށް އަމުރުކޮށް، އެކުދިން ބޭނުންވާ ގޮތެއް ނުބަލައި، އެކުދިންގެ ހަޔާތުގެ ކަންކަން ނިންމިގެން ނުވާނެ ކަމަށާއި އަންހެން ދަރިންގެ ކަންކަމަށް ނުފޫޒު ފޯރުވަން ފިލްމުން ހިތްވަރު ލިއްބައިދޭ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

"ބައްޕަ ގެންގުޅޭ އުސޫލުތަކުން އަހަރެން ހޮޑުލަވާ. އޭނަ މަޖުބޫރު ކުރަނީ އަންހެން ދަރިންނަށް އޭނާ ބުނާ ގޮތަކަށް ކަންތައްތައް ކުރަން. އަދި އެވެސް އޭނާގެ އަމިއްލަ ހުވަފެނެއް ހަގީގަތަކަށް ހަދަން،" އެކަކު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އެމީހުން ބުނަމުން އަންނަނީ ފިލްމުން އަންހެނުން ބާރުވެރިކޮށް، އެމީހުންނަކީ ބަލިކަށެއް ބައެއް ނޫން ކަމަށް ދައްކައިނުދޭ ކަމަށެވެ. ފިލްމުން ދައްކުވައި ދެނީ ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ބާރުވެރި ބައެއް ކަމަށް ވެސް އެމީހުން އަންނަނީ ބުނަމުންނެވެ.

ޗައިނާ އިން ފިލްމަށް ލިބެމުން އަންނަ ފާޑުކިޔުންތަކަށް ޑައިރެކްޓަރު ނިތޭޝް ތިވާރީ އަދި އާމިރު ވެސް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.