20 May 2017, 12:36
ތ. މަޑިފުއްޓާއި ށ. ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، މިއަދު ހެނދުނު 08:00 އިން ފެށިގެން އެ ދެރަށުގައި ވެސް ވޯޓުލުން ފަށައިގެން ކުރިއަށް ދާ ކަމަށާއި، އެއްވެސް މައްސަލައެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މަޑިފުށީގައި މިހާތަނަށް ގިނަ ބަޔަކު ވޯޓު ލާފައިވާ ކަމަށެވެ. އެގޮތުން 125 އެއްހާ މީހުން އެ ރަށުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓު ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ކޮމަންޑޫގައި ވެސް ވޯޓުލުން ކުރިއަށްދާ ކަމަށް އަކުރަމް ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ، މިހާތަނަށް އެ ދެރަށުގެ އިންތިހާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެއީ އެމްޑީޕީގެ ދެ ކެންޑިޑޭޓެކެވެ.
ކޮމަންޑޫ ކައުންސިލްގެ އިތުރުން ތ. މަޑިފުށީ ކައުންސިލަށް އިންތިޚާބު ކުރަން ޖެހޭ ތިން ކައުންސިލަރުން ހޮވުމަށް އެކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލޭންސް ބިއުރޯއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު އެވެ.
މަޑިފުށީ ކައުންސިލަށް ވޯޓުލުމަށް އެހެން ކައުންސިލެއްގެ ވޯޓު ކަރުދާހެއް ވޯޓުލާން ދިޔަ މީހަކަށްދީފައިވާ އިރު، އެ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުން ހޮވުނީ އެއް ވޯޓުގެ ތަފާތަކުންނެވެ.
އަކުރަމް ވިދާޅުވީ، ވޯޓު ފޮއްޓަށް ވޯޓުލާން އިތުރު ބަޔަކު ކިއުގައި ނެތް ނަމަ މިއަދު ހަވީރު 04:00ގައި ވޯޓު ފޮށިތައް ބަންދުކުރާނެ ކަމަށެވެ.