މޭކަޕް ކުރަން ޝައުގުވެރިކަން ހުންނަ މީހުންނަށް ފުރުސަތު ހުޅުވާލައިގެން އިއްޔެ ފެށި ޕްރޮފެޝަނަލް ލެވެލްގެ މޭކަޕް ކުލާހަށް ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުލާސް އިންތިޒާމްކުރާ މަޝްހޫރު ލަވަ ކިޔުންތެރިިޔާ އީމް ނިޒާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް ޗެއިން ސަން ސިޔާމް ރިސޯޓްސްގެ މެއިން ސްޕޮންސާރގެ ދަށުން ގްރޭންޑް އެމްޕުރެސް އަދި ބްރިލިއަންޓްސް ޓްރޭޑިން އިން އިސްނަގައިގެން ދުބާއީގެ މަޝްހޫރު މޭކަޕް ކުންފުނި އާޓިލާ އެކެޑަމީއާ ގުޅިގެން އެ ކުލާސްތައް ކުރިއަށްދަނީ އިއްޔެ އާއި މިއަދާއި، ޝީ ބިލްޑިންގ ގައެވެ.

އީމް ވިދާޅުވީ، ވަކި އަދަދަކަށް މީހުން ބައިވެރިކުރުމަށް އަމާޒުކޮށްގެން ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް ގިނަ ބަޔަކު އެކަމަށް އެދި ހުށަހެޅި ކަމަށެވެ.

އީމް ނިޒާމާއެކު މިއަދު ފެށި ސެލެބްރިޓީ މޭކަޕް ކުލާހުގައި ކިޔަވައިދޭ ޖަމީލާ (ވ) އަދި ކުލާހުގެ ހޯސްޓް މަރީ (ކ)، ކުލާހުގެ ބައިވެރިއަކާއެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ ސޮއްޓި

ކުލާހުގައި ބައިވެރިކުރުމަށް ކަނޑައެޅި 20 މީހުންގެ އިތުރަށް ވެސް މީހުންނަށް ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އިއްޔެ ފެށި އެ ކުލާހުގައި ޖުމްލަ 39 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި މާލޭގައި މޭކަޕް ސެލޫންގެ ވިޔަފާރި ހިންގާ އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ބައެއް ފަރާތްތައް ވެސް ހިމެނެއެވެ.

އީމް ވިދާޅުވި ގޮތުގައި، މޭކަޕް ކުލާހަށް އެހާ ބޮޑު ތަރުހީބެއް ލިބިގެންދިޔައީ އެ ކުލާހުގައި މޮޑެލަކަށް ކަނޑައެޅި، 22 އަހަރު ވަންދެން ބެލުންތެރިން މުނިފޫހިފިލުވައިދިން ތަޖުރިބާކާރު އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ)ގެ ސަބަބުން ކަމަށެވެ.

އީމް ނިޒާމާއެކު މިއަދު ފެށި ސެލެބްރިޓީ މޭކަޕް ކުލާހުގެ މޮޑެލް ސުނީ އާއެކު އީމް --- ފޮޓޯ/ ސޮއްޓި

އޭގެ އިތުރުން ކުލާސް ބާއްވާ ޝީ ބިލްޑިންގެ މާލަމް ތައްޔާރު ކޮށްދިން އިވެންޓާސްގެ ފަރާތުން ވެސް ކުލާހަށް ބޮޑު މާކެޓެއް ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މޭކަޕް ކުލާހުގެ ކުލާސްތައް ނަގައިދެނީ އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބްރިޓީ މޭކަޕް އާޓިސްޓެއް ކަމަށްވާ ޖަމީލާ ޕައުލް އެވެ.

މޭކަޕް ކުރުމާއި އިސްތަށިގަނޑު ރީތިކޮށް އެކި ޑިޒައިންތަކަށް ހެދުމަށް ދަސްކޮށްދިނުމުގައި 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޖަމީލާ ޕައުލް އަކީ ދުބާއީގައި ހުންނަ އާޓިލާ އެކެޑަމީގެ ވެރިޔާއެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި ގަބޫލްކުރާ ސެޓްފިކެޓެއް ލިބޭ މޭކަޕް ކުލާހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ސްކިން ކެއާ، އައިބުރޯ ގްރޫމިން، ހައިލައިޓިން އެންޑް ޝޭޑިން، މޭކަޕް ޓްރެންޑްސް، ބްރައިޑަލް މޭކަޕް އެންޑް ހެއާ، ޖުވެލަރީ ސެޓިން ފަދަ މުހިއްމު ބައިތައް ހިމެނެއެވެ.

އީމް ނިޒާމްގެ މޭކަޕް ވައިޕްސް: ދެ ހަފްތާގެ ތެރޭގައި އޭތި މާކެޓުން ލިބޭނެ ކަމަށް އީމް ވިދާޅުވޭ --- ފޮޓޯ/ ސޮއްޓި

މިއަދުގެ މޭކަޕް ކުލާހުގައި ހޭންޑް މޭޑް ބައި ނީމްގެ ފަރާތުން އީމް ނިޒާމްގެ މޭކަޕް ވައިޕްސް ވެސް ވަނީ ތައާރަފް ކޮށްފައެވެ. އީމް ވިދާޅުވީ، ވައިޕްސް މިއަދު ތައާރަފް ކުރި ނަމަވެސް، ދެ ހަފްތާއެއްގެ ތެރޭގައި ވައިޕްސް ގަންނަން ލިބޭނެ ކަމަށެވެ.

އީމްގެ މޭކަޕް ކުލާހުގެ ހޯސްޓަކީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ (މަރީ)އެވެ. އަދި އޮފިޝަލް ފޮޓޯގުރާފަރު ޕާޓްނަރަކީ ރާއްޖޭގެ މަޝްހޫރު ފޮޓޯގުރާފަރުންގެ ތެރޭގައި ނަން ހިންގާ ޒުވާނެއް ކަމަށްވާ ޝިފާޒް ހުތީ (ސޮއްޓި)އެވެ.