ރާއްޖޭގައި ބާއްވާ ފުރަތަމަ ސަރަހައްދީ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)އިން އިންތިޒާމްކޮށްގެން ބާއްވާ އެ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިއަށްދިޔައިރު، އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމެވެ.

ހަ ވަނަ ސާބާ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެ މުބާރާތުގައި ވާދަކުރާ ދިވެހިރާއްޖެ، ބަނގްލަދޭޝް، ނޭޕާލް، އިންޑިއާ އަދި ނޭޕާލުން ބައިވެރިވިއެވެ. އޭގެ އިތުރުން ހުޅުވުމުގެ ރަސްމިއްޔާތުގެ ރާއްޖޭގެ ސަގާފަތާ ގުޅުވައިގެން ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ކުރިއަށްދިޔައެވެ.

ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ކުރިއަށްދާނެއެވެ. ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަނގްލަދޭޝްއާއި ނޭޕާލެވެ. އެ މުބާރާތުގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންޑިއާއާއި ރާއްޖެއެވެ.