19 May 2017, 19:52
ގއ. ކޮނޑޭގެ މަގުތަކުގައި ޖަހާފައިވާ ގިނަ އަދަދެއްގެ މަގުބައްތިތަކެއް ތަޅާލައި ގެއްލުން ދީފި އެވެ.
ކޮނޑޭ ކައުންސިލްގެ ނައިބު ރައީސް މުރުތަލާ ސަލީމް 'ސަން'އަށް ވިދާޅުވީ، އެކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، އެރަށުގެ މަގުތަކުގައި ގާތްގަނޑަކަށް 58 ވަރަކަށް މަގުބައްތި ޖަހާފައިވާއިރު، އޭގެ ތެރެއިން 54 ހޮޅިދަނޑި ވައްޓާލައި ތަޅާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ހޮޅި ދަނޑިއެއް ބިންދާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުރުތަލާ ވިދާޅުވީ އެ ރަށުގައި މަގުބައްތި ޖަހާފައިވަނީ، ސަރުކާރުން ހަދިޔާ ކުރި ލެޑްލައިޓްތައް ބޭނުން ކޮށްގެން ރައްޔިތުން އަމިއްލައަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް މީހުންނާ ސުވާލުކޮށް، ތަހުގީގު ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ރަށުތެރެ އެއްކޮށް އޮންނަނީ އަނދިރިކޮށް ކަމަށާއި، ގޭގޭގައި ދިއްލާފައި ހުންނަ ލައިޓުގެ އަލި ނޫން އެހެން އަލި ކަމެއް ރަށުތެރޭގައި ނެތް ކަމަށެވެ. އަދި އެކަމަށް ހައްލެއް ގެނެވޭތޯ އިންޖީނު ގޭގެ މީހުންނާ ވާހަކަ ދެއްކިން ކަމަށެވެ. އަދި ވައްޓާލާފައިވާ ހޮޅިދަނޑިތަކަށް ގުޅާފައިވާ ނަރުތައް ބުރި ވެފައިވާތީ އަދި ވިއްސާރަ ދުވަސްވަރަކަށް ވުމުން، އެ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނފައިވާ ކަމަށެވެ.
"އިންޖީނުގޭ މީހުން ބުނަނީ އެއްގޮތަކަށް ވެސް ނެތޭ ތިމަންނަމެންނަކަށް ތިކަން ކުރެވޭކަށް، އެއީ ބައެއް ހޮޅިދަނޑިތަކުގެ ކޭބަލްތައް ހުރީ ކަނޑައިގެން ގޮސް ޝޯޓު ވާކަހަލަ ގޮތަކަށޭ. ވިއްސާރަ މޫސުމެއް ވީމަ، މަގުމަތީ ފެންހެދިފަ އޮންނަ އިރު މީހަކަށްވެސް ނުރައްކަލެއް ވެދާނެ،" ކަމަށް އިންޖީނުގޭގެ މުވައްޒަފުން ބުނެފައިވާ ކަމަށް މުރުތަލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާއިން ފެށިގެން މިވަގުތަށް ލިބެން ހުރި ވަސީލަތެއް ބޭނުންކޮށްގެން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ފަށާނެ ކަމަށެވެ.