ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކޮސްޓަރިކާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް އާޖެންޓީނާ ކަށަވަރުކޮށްފި އެވެ. އާޖެންޓީނާ މެޗް ކާމިޔާބުކުރީ 3-0 އިން ނެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މެސީއަށް ރޭ ގޯލެއް ނުޖެހުނު ނަމަވެސް އޭނާގެ ޖާދޫގެ ބޭނުން ހިފައި އަގުއެރޯ އާއި ޑިމާރިއާ ވަނީ ރޭ ލަނޑުތައް ޖަހައިފަ އެވެ. އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ މޮޅު ކުޅުމެއް ދައްކައިދީފަ އެވެ.

މުބާރާތުގައި އާޖެންޓީނާ ފުރަތަމަ ކުޅުނު މެޗްގައި ވެސް އަނދަވަޅަށް ވެއްޓެމުންދަނިކޮށް ސަލާމަތްކޮށްދިން އަގުއެރޯ ރޭ ފެނިގެން ދިޔައީ ފުރަތަމަ އެގާރައިންނެވެ. ރޭގެ މެޗުގައި އޭނާ ދެ ލަނޑު ޖަހައިދިނެވެ. އަގުއެރޯގެ ފުރަތަމަ ލަނޑު ފެނިފައިވަނީ މެޗްގެ 45 ވަނަ މިނެޓްގަ އެވެ. ދެވަނަ ލަނޑު މެސީގެ ހިތްގައިމު ޕާހަކުން ގޯލް ފޫއަޅުވާލީ މެޗްގެ 52 ވަނަ މިނެޓްގައެވެ. އަންޖެލް ޑިމަރިޔާ ލަނޑު ޖެހީވެސް މެސީގެ އެހީތެރިކަމާއެކު އެވެ. އެއީ 63 ވަނަ މިނެޓްގަ އެވެ. މި މެޗުން މޮޅުވެގެން އާޖެންޓީނާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ އެއްވަނަ ޓީމެއްގެގޮތުން ގޮސްފައިވަނީ ކޮލަމްބިއާ އެވެ.

މުބާރާތުގައި ލިބުނު ފުރަތަމަ މޮޅު ހޯދުމުގައި އެހީތެރިވެދިން އަގުއެރޯގެ އުފާވެރިކަން މެޗަށްފަހު މީޑިއާއާ ހިއްސާކޮށްފައިވެއެވެ.
"މިއީ އަހަރެމެން ބޭނުންވި މޮޅަކީ. އަހަރެމެން ވަރަށް މޮޅަށް ކުޅުނިން. އަހަރެމެންނަށް ލިބުނު ފުރުސަތުތަކެއްގެ ބޭނުން އެންމެ ރަނގަޅަށް މިމެޗްގައި ހިފިން. ހަމައެކަނި މޮޅުވީއެކޭ އެއްވެސް މީހަކަށް ނުބުނެވޭނެ. މޮޅަށް ކުޅެ މޮޅުވީއޭ ބުނެވޭނީ. އަގުއޭރޯ ބުންޏެވެ.

ކުއާޓާ ފައިނަލްގައި އަނެއްކޮޅުން ކުޅޭނެ ޓީމެއް ކަށަވަރުވެފައިނުވާ އާޖެންޓީނާގެ ތަރި މެސީއަށް މުބާރާތުގައި އަދި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ރޭގެ މެޗްގައި އޭނާގެ ކުޅުމަށް ކޯޗް ބަޓިސްޓާ ތަޢުރީފު ކުރި އެވެ.

"މެސީ މިއަދުގެ މެޗްގައި އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ވަރަށް މޮޅަށް ކުޅުނު. އޭނާގެ ހިތްވަރު ގަދަކާމައިހެދި އަހަރެން ވަރަށް ހިތްހަމަޖެހޭ. އަހަރެމެންނަށް މިއަށްވުރެ ގިނަ ލަނޑުޖަހަން ފުރުސަތު ލިބުނު. އޭގެތެރެއިން ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވޭ." ކޯޗް ބުންޏެވެ.

ގްރޫޕް ސީގެ ދެ މެޗެއް މިރޭ ކުޅުމަށް ހަމަޖެހިފައި ވެއެވެ. ރާއްޖޭގަޑިން ފަތިހު 03:15 ގައި ޗިލީއާއި ޕެރޫ ބައްދަލުކުރާއިރު އުރުގުއޭއާއި މެކްސިކޯ ބައްދަލުކުރާ މެޗް އޮތީ ފަތިހު 05:45 ގައެވެ. މި ގްރޫޕްގެ އެއްވަނާގައިވަނީ ޗިލީއާއި ޕެރޫއެވެ. މިދެ ޓީމު ކުޅޭ މެޗަކީ ދެ ޓީމަށް ވެސް މުހިންމު މެޗަކަށް ވެގެންދާނެ އެވެ. އެނެއްކޮޅުން ބައްދަލުކުރާ އުރުގުއޭ ކުއާޓާ ފައިނަލަށް ދަތުރުކުރަން ބޭނުންވާނަމަ މޮޅުވާންޖެހޭއިރު މެކްސިކޯއަށް މާބޮޑު އުންމީދެއް ނެތެވެ.