ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭނީ މައްސަލައާ ބެހޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މެންބަރުން މަޝްވަރާކޮށް ގޮތެއް ނިންމިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނާޒިމު ވިދާޅުވީ، މިހާރު ޖެހިފައިވާ މައްސަލަ ހައްލު ކުރަން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު އެކި ފަހަރުމަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ހައްލު ކުރެވޭފަދަ ގޮތްތަކެއް އަދި ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ޕާޓީތަކުގެ ލީޑަރުންނާ ވާހަކަ ދެއްކުމަށް މިއަދު 11:00 ޖަހާއިރު ދައުވަތުދެއްވާ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމާބެހޭ ގޮތް ފާސް ކުރަން މިމަހު ފަސްވަނަ ދުވަހުގެރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ގަވާއިދާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށާއި އެ ޖަލްސާއިން ނިންމި ނިންމުމުގައި މައްސަލަތަކެއް އުޅޭކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވާތީ ނާޒިމް ވިދާޅުވީ، އެ ރޭގެ ޖަލްސާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށްބުނެ އެކަންތައް ބަލައި ދިނުމަށް މެންބަރަކު ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކާ ބެހޭގޮތުން ރިޔާސަތަށް ކަމެއް ނިންމޭނީ މަޖިލީހުގެ ގާނޫނީ ބޭފުޅުން ލަފާ ދެއްވުމުން ކަމަށާއި އެ ސިޓީގައިވާ މައްސަލަތައް ބަލައި ގާނޫނީ ލަފައެއްހޯދަން ގާނޫނީ ބޭފުޅުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
"މިމަހު ފަސްވަނަ ދުވަހުގެރޭ ކޮމިޓީތައް އެކުލަވާލުމާބެހޭގޮތުން ފާސްކުރި ފާސްކުރުން ބޭއްވި ޖަލްސާއާ ބެހޭގޮތުން ސުވާލުތަކެއް އުފައްދައި މަޖިލީޙުގެ މެންބަރަކު ވަނީ ސިޓީއެއް ފޮނުވައިފަ. އެ ސިޓީގައި އިޖުރާއީ މައްސަލަ ތަކަކާއި އުސޫލީ މައްސަލަތަކެއް އެ ޖަލްސާގައި ހުރިކަމަށް ވަނީ ފާހަގަ ކުރައްވައިފަ. އެ ސިޓީގައި ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށާއި އެކަމުގައި ރިޔާސަތަށް ލަފައެއް ދިނުމަށް. އެ ސިޓީވަނީ ގާނޫނީ ބޭފުޅުންނާ ހަވާލުކޮށްފައި. އެކަމުގައި ރިޔާސަތަށް ނިންމުމެއް ނިންމޭނީ އެފަރާތުގެ ގާނޫނީ ލަފާއެއް ލިބިގެން،" ނާޒިމް ވިދާޅުވި އެވެ.

ޖަލްސާތައް ކުރިއަށް ނުދިއުމުގެ ސަބަބުން ކޮމިޓީތަކާއި، މަޖިލީހުގެ އެތައް މަސައްކަތްތަކެއް ހުއްޓިފައިވާކަން ފާހަގަ ކުރައްވައި ޖަލްސާ ހުއްޓޭފަދަ ގޮތަކަށް އެއްވެސް މެންބަރަކު އެއްވެސްކަމެއް ނުކުރެއްވުމަށް ނާޒިމް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.