އިސްލާމް އާބާދު : ޕާކިސްތާނަކީ ނިއުކްލިޔަރ ބާރެއް ކަމަށާ ޕާކިސްތާނުގެ ސިފައިންގެ ލަޝްކަރުތަކަށް އެމެރިކާގެ އެހީ ބޭނުން ނުވާކަމަށް އެޤައުމުގެ ސިފައިން ބުނެފިއެވެ.

ޕާކިސްތާނުގެ ސިފައިންގެ ތަރްޖަމާން ޖެނެރަލް އަތްހަރު ޢައްބާސް ވިދާޅުވީ އެމެރިކާގެ އެހީއާނުލައި ޕާކިސްތާނުގެ ސިފައިންނަށް ހަނގުރާމަ ނުކުރެވޭނެ ކަމަށް ނޫނީ ޤައުމު ދިފާޢު ނުކުރެވޭނެ ކަމަށް އެމެރިކާގެ މަސްއޫލުވެރިންނަށް ހީފުޅުވާނަމަ އެއީ ކުށްހީއެއް ކަމުގައެވެ.

ޖެނެރަލް އަތްހަރު ޢައްބާސް މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާއިން ޕާކިސްތާނަށް ދިނުމަށް ކަނޑައަޅާފައިވާ ޢަސްކަރީ އެހީގެ ތެރެއިން 800 މިލިޔަން ޑޮލަރު ނުދީ ހިފަހައްޓާނެކަން ވައިޓް ހައުސްއިން ހާމަކުރުމާ ގުޅިގެންނެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ވިލިޔަމް ޑެލީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ ޕާކިސްތާނާއި އެމެރިކާއާ ދެމެދު އެއްބަސްނުވެވޭ ކަންތައްތަކެއް އެބަހުރި ކަމަށާ އެކަންތައްތައް ކޮޅެއްގައި ޖެހެންދެން ޢަސްކަރީ އެހީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިކަމަށްވާ 800 މިލިޔަން އެމެރިކާ ޑޮލަރު ނުދީ ހިފަހައްޓާނެ ކަމުގައެވެ.

އެމެރިކާއިން ޕާކިސްތާނަށް ދޭ ޢަސްކަރީ އެހީގެ ފައިސާ ޚަރަދުކުރަނީ ޕާކިސްތާނުގެ މަދަނީ ބޭނުންތަކަށް ކަމަށާ އެގޮތަށް ކަންތައް ކުރަނީ އެމެރިކާގެ އެހީ ޕާކިސްތާނުގެ ސިފައިންނަށް ބޭނުންނުވާތީ ކަމަށް ޕާކިސްތާން ސިފައިންގެ ވެރިޔާ ޖެނެރަލް އަޝްފާޤް ކިޔާނީ މިދިޔަ ޖޫންމަހުގެ 9 ވަނަ ދުވަހު ވިދާޅުވެފައިވެއެވެ.

ޕާކިސްތާނަކީ އެޤައުމަށް ބޭނުންވާ ދިފާޢީ ހަތިޔާރާއި ތާލިބާނުންފަދަ ހަރުކަށި ޖަމާއަތްތައް މައިތިރި ކުރުމަށް ބޭނުންވާ ވަސީލަތްތައް އަމިއްލައަށް އުފެއްދުމުގެ ޤާބިލްކަން ލިބިގެންވާ އަދި ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރެއް އޮތް ޤައުމެއް ކަމަށް ޖެނެރަލް ކިޔާނީ ވިދާޅުވެފައިވެއެވެ. ޕާކިސްތާނަށް އެމެރިކާ ދޭ ޢަސްކަރީ އެހީގެ ބޮޑުބައެއް ނުދީ ހިފަހައްޓާނެކަން ވައިޓް ހައުސް އިން ހާމަކުރުމުން އިންޑިޔާވަނީ އެކަމަށް މަރްޙަބާ ކިޔާފައެވެ. -- އަލްޖަޒީރާ / ޖަވާދު