18 May 2017, 21:55
އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ބައިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯއާއި ލުއިސް ސުއަރޭޒްގެ އަންހެނުން ސޯފިއާ ބަލްބީ ގުޅިގެން، ބާސެލޯނާގައި ފެންވަރު ރަނގަޅު ފައިވާން ވިއްކާ ފިހާރައެއް ހުޅުވައިފިއެވެ.
ބާސެލޯނާގެ ދެ ފޯވާޑުންގެ ފައިގެ ނުރައްކާތެރިކަން، ދަނޑުމަތީގައި އިދިކޮޅު ޓީމުތަކުގެ ކުޅުންތެރީންނަށް ދައްކަމުން ދާއިރު، އެ ދެ ފަހުލަވާނުންގެ ހަޔާތުގެ ބައިވެރީން މިވަނީ، ފެޝަނަށް ލޯބިކުރާ ފަރާތްތަކުގެ ފައިތިލަތަކަށް އަރާމުކަން ގެނެސްދޭނޭ، ޒަމާނާ ގުޅޭ އެންމެ ފަހުގެ، ފެންވަރު ރަނގަޅު ފައިވާން ވިއްކާ ފިހާރައެއް ހުޅުވައިފައެވެ.

ރިކީ ސަރކަނީގެ ބައެއް އުފެއްދުންތައް --
އެންޓޯއާއި ސޯފިއާގެ މި ފިހާރައަކީ، އާޖެންޓީނާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ރިކީ ސަރކަނީއާ ގުޅިގެން ކުރިއަށް ގެންދާ ވިޔަފާރިއެކެވެ.
ބާސެލޯނާގައި ސާރކަނީގެ މުޅިން އާފިހާރައެއް ހުޅުވުމަށް ބޭއްވި ކުލަގަދަ ހަފްލާގައި، މެސީއާއި ސުއަރޭޒްގެ އިތުރުން ބާސާގެ ބައެއް ކުޅުންތެރީންނާއި، ކުރިން ބާސާއަށް ކުޅުޅުނު އަދި މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް ހިމެނެއެވެ.

އެންޓޮނެއްލާ ރޮކޫޒޯއާއި ސޯފިއާ ބަލްބީ ގުޅިގެން، ބާސެލޯނާގައި ރިކީ ސަރކަނީ ފިހާރައެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ބައިވެރިވި މެސީ، ސުއަރޭޒް އަދި ސެސް ފެބްރިގާސް -- ޓްވިޓަރ ފޮޓޯ
މެސީއާއި ސުއަރޭޒް، އެ ދެ ރަހްމަތްތެރީންގެ ބައިވެރީން ގުޅިގެން ފެށި އާ ވިޔަފާރި ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އެންމެ ބުރަކޮށް ދިޔަގަޑީގައި، ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑް ވަނީ، ލަލީގާގެ މުހިއްމު މެޗަކުން މޮޅުވެ، ލީގު ޓްރޮފީ ކަށަވަރުކުރުމާ އެންމެ ޕޮއިންޓަކާ ގާތަށް ޖެހިލައިފައެވެ.

ލިއޮނަލް މެސީގެ ބައިވެރިޔާ އެންޓޮނެއްލާ ރޮކޫޒޯއާއި ލުއިސް ސުއަރޭޒްގެ އަންހެނުން ސޯފިއާ ބަލްބީ ގުޅިގެން، ބާސެލޯނާގައި ރިކީ ސަރކަނީ ފިހާރައެއް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރޭން -- ޓްވިޓަރ ފޮޓޯ