މުޅި ދުނިޔެއަށްވެސް މަޝްހޫރު، "މިނިޓް މެއިޑް" ޖޫސް ކޮކަކޯލާއިން މިއަދު ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "މިނިޓް މެއިޑް" ޖޫސް ތައާރަފްކޮށްދެއްވީ ޗީފް ސްޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދެރާސަރީ ވިދާޅުވީ ރާއްޖެ އަށް ތައާރަފްކުރީ އެ ބްރޭންޑުގެ 290 އެމްއެލްގެ ފުޅި ކަމަށާއި ކުރިއަށް އޮތްތަނުގައި ބޮޑެތި ފުޅިތައް ބާޒާރަށް ނެރޭނެ ކަމަށެވެ. އަދި އެ ބްރޭންޑު ރާއްޖެއަށް ތައާރަފްކުރީ އެކަމާ ގުޅޭ ސާވޭއެއް ކުރުމަށްފަހުގައި ކަމަށާއި ޖޫހުގެ އަސްލު ރަހަ އެ ޖޫހުން ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިޓް މެއިޑް" ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން ކޮކަކޯލާއިން ރާއްޖެއަށް ތައާރަފްކުރީ މިކްސްޑް ފްރުޓް ވިތް އޮރެންޖް ޕަލްޕާއި ޕަލްޕީ އޮރެންޖް އެވެ.

މިނިޓް މެއިޑް ޖޫސް -- ސަން ފޮޓޯ

ދެރާސަރީ ވިދާޅުވީ ޖޫސް ބޮނީ އާންމުކޮށް މޭވާ ކެއުމުގެ ބަދަލުގައި އޭގެއިން ލިބޭ ފައިދާ ހޯދުމަށް ކަމަށެވެ. އަދި އެގޮތަށް ބަލާއިރު ވެސް އެ އުފެއްދުމަކީ އެންމެ ރަނގަޅު އެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ތައާރަފްކުރި 290 އެމްއެލްގެ "މިނިޓް މެއިޑް"ގެ ޖޫސްފުޅިއެއް ވިއްކަން ހަމަޖައްސާފައި ވަނީ 12 ރުފިޔާ އަށެވެ. އެ ދެ ބާވަތްތައް އުފައްދާފައި ވަނީ އޮރެންޖުގެ ކުދި އެތިކޮޅުތަކެއް ހުންނަ ގޮތަށެވެ. އަދި މިކްސްފުރުޓް ޖޫސް ތައްޔާރު ކޮށްފައި ވަނީ އަލަނާސި އާއި އޮރެންޖު އަދި މޭބިސްކަދުރާއި ފޭރު ހިމަނައިގެންނެވެ.

އޭގެ އިތުރުން ދެރާސަރީ ވިދާޅުވީ އެ ޖޫސް ޕްރޮމޯޓު ކުރުމުގެ ގޮތުން އާންމުންނާ ގާތުން ވާހަކަ ދައްކާނެ ކަމަށާއި، ރޯދަ މަހު، ރޯދަ ވީއްލާ ގަޑީގައި ބޭނުން ކުރަން އެޖޫހަކީ ބަރާބަރު ޖޫހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.