12 Jul 2011, 10:04
ކުއާލަލަމްޕޫރު : މެލޭޝިޔާ ސަރުކާރާ ދެކޮޅަށް މިހަފްތާގެ ކުރީކޮޅު މުޒާހަރާކުރިމީހުން ދުނިޔެއަށް ހާމަކުރަންބޭނުންވަނީ މެލޭޝިޔާއަކީ އިންސާނީ ޙައްޤުތަކަށާއި ޑިމޮކްރަސީއަށް ފުރްސަތުނެތް ޤައުމެއްކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް ވިދާޅުވެއްޖެއެވެ.
ރައްޒާޤްއާ ޙަވާލާދީ މެލޭޝިޔާގެ މީޑިޔާއާ ބުނިގޮތުގައި މި މުޒާހަރާގެ ފަހަތުގައި ހުންނެވީ އިދިކޮޅު ލީޑަރ އަންވަރު އިބްރާހީމެވެ. ނަމަވެސް ހަމަނުޖެހުންގަނޑެއްގެ ތެރެއަށް މެލޭޝިޔާ ވެއްޓިގެން ދިޔުމުގެ ފުރްސަތު ނުދެއްވާނެ ކަމަށް ރައްޒާޤް ވިދާޅުވިއެވެ.
މުޒާހަރާއާބެހޭ ގޮތުން އަންވަރު އިބްރާހީމްގެ ދަރިކަނބަލުން ނޫރުލްޢިއްޒާ އަންވަރު ވިދާޅުވީ މުޒާހަރާކުރީ ޤައުމުގައި ހަމަނުޖެހުން އުފައްދަން ނޫންކަމަށާ މުޒާހަރާގެ ބޭނުމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިދިނުމަށް ސަރުކާރަށް ގޮވާލުން ކަމުގައެވެ.
ނަމަވެސް ސުލްޙަވެރި މުޒާހަރާއަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައްޕަ އަންވަރަށް ޖިސްމާނީ ގެއްލުންތަކެއް ލިބުމުގެ އިތުރުން ޢާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށާ އެތަށް ސަތޭކަ ބަޔަކު ހައްޔަރުކުރި ކަމަށާ އަދި އެކަކު މަރުވި ކަމަށްވެސް އަންވަރުގެ ދަރިކަނބަލުން ނޫރުލްޢިއްޒާ ވިދާޅުވިއެވެ.
މިދޔަ ހޮނިހިރު މެލޭޝިޔާގެ އެތަށް ހާސްބަޔަކު ކުއާލަލަންޕޫރުގައ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމުން ފުލުހުންވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ހުއްޓުވައި އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެެވެ. މިމުޒާހަރާތަކުގެ ސަބަބުން މެލޭޝިޔާގެ ރައްޔިތުންނަށާއި ސަރުކާރަށް ސިހުންލިބުނު ކަމަށް މުރާސިލުން ބުނެއެވެ.
މުޒާހަރާގައި އެކަކު މަރު އެތަށް ސަތޭކަ ބަޔަކު ހައްޔަރު ކުރުމުން ރައްޒާޤްގެ ސަރުކާރަށްވަނީ ފާޑުކިޔުންތަކާއި އެތަށްބައެއްގެ ރުޅި އަމާޒުވެފައެވެ. މިކަމަށް ރައްދު ދެމުން ސަރުކާރުން ބުނެފައިވަނީ މުޒާހަރާ ކުރަމުން ދަނިކޮށް މަރުވި މީހަކީ މުޒާހަރާގައި ބައިވެރިވި މީހެއް ނޫންކަމަށާ އޭނާ މަރުވީ ހިއްހުއްޓުމުގެ ސިއްހީ މައްސަލައަކާ ގުޅިގެން ކަމުގައެވެ. --ރޮއިޓާސް، އަލް ޖަޒީރާ