މިރެއިން ފެށިގެން، ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ރެއާ ހަމައަށް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި އެވެ.

މިހާރު ފިހާރަތައް ހުޅުވާފައި ހުންނަނީ ރޭގަނޑު 10 ޖަހަންދެނެވެ. އަދި ކެފޭ ރެސްޓޯރަންޓްތައް ހުޅުވަނީ މެންދަރު 12 އާ ހަމައަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ވަކިވަކިން ނެރުނު ދެ އިއުލާނެއްގައި ބުނި ގޮތުގައި، މިރެއިން ފެށިގެން ރޯދަމަހުގެ ރޭތަކާއި، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ރޭގަނޑު 11 އާ ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

އަދި މިއަދުން ފެށިގެން ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް، ކެފޭ ރެސްޓޯރަންޓްތަކާއި ކެންޓީނުތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ފެށިގެން ރޭގަނޑު 1:00 އާ ހަމައަށް ކަމަށާއި، ރޯދަ މަހުން ފެށިގެން ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހު އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަރު 3:00 އާ ހަމައަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދެވުނެވެ. ނަމަވެސް އެ ހުއްދަތައް ބާތިލުކޮށް، ތަންތަން ބަންދުކުރާ ވަގުތު އަވަސްކުރުމަށް ބާރު އަޅަން ފެށީ 2012 ވަނަ އަހަރު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

ކެފޭތަކާއި ފިހާރަތައް ބަންދުކުރާ ވަގުތު 2012 ވަނަ އަހަރު އަވަސްކުރީ، އެތަންތަން ހުޅުވާފައި ހުރުމުން ދަންވަރު ހޭލާ އުޅޭ ޒުވާނުން އިތުރުވެ، ކުށް ކުރުން އިތުރުވެގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފިހާރަތައް ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ދަންވަރު 1:00ގައި ބަންދުކުރާ ކެފޭތައް ދަންވަރު 12:00ގައި ބަންދުކުރަން ޖެހޭ ގޮތަށް ބަދަލު ކުރި އެވެ. އަދި ފިހާރަތައް ބަންދު ކުރާ ގަޑި 10:00 އަށް އަވަސް ކުރި އެވެ.