ޒުވާނުންނެވެ. ކުޑަކުދިންނެވެ. މުސްކުޅިންނެވެ. ސިޔާސީ ބޭފުޅުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންނެވެ. އެންމެންވެސް ރަތް ކުލައިގެ ހެދުމުގައި ގަލޮޅު ސްޓޭޑިއަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިޔައީ އުފެދުމުގައި ހިތުގެ ބަލި ހުންނަ ކުޑަކުދިންނަށް އެހީވެދޭ ޖަމިއްޔާ، ޓައިނީ ހާޓްސް އިން އެންމެ ބޮޑު ހިތުގެ ރެކޯޑް މުގުރާލުމަށް ބޭއްވި އިވެންޓްގައި ބައިވެރިވުމަށެވެ. އެރޭ ދުނިޔޭގެ ރެކޯޑް މުގުރާ ނުލެވުނަސް، އެ ހަރަކާތުގައި ބައިވެރިވި އެންމެން އެކުގައި ވަނީ ރާއްޖޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.

މެކްސިކޯއިން ފެބްރުއަރީ 27، 2010 ގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު ހިތުގެ ރެކޯޑް މުގުރުލުމަށް ރަތް ހެދުމުގައި 11708 މީހުން ސްޓޭޑިއަމަށް އައުމަށް އެދި އެޖަމިއްޔާއިން ގޮވައިލި ގޮވައިލުންތަކުގެ އަޑުއަހައި، "ހިތާ އެކު" އެރޭ ސްޓޭޑިއަމަށް ދިޔަ 4600 އަށްވުރެ ގިނަ މީހުން، ހިތުގެ ބައްޓަމަށް އެތުރި، ބޮޑު ހިތެއް އަޅައިލި މަންޒަރު އެއީ ރާއްޖޭގެ ތާރީހުގައި ފެނިގެން ދިޔަ އެންމެ ހިތްގައިމު އެއް މަންޒަރެވެ. އެހެންކަމުން ރެކޯޑް މުގުރާ ނުލެވުނަސް، ޓައިނީ ހާޓްސް ވެސް މިއަދު އޮތީ ހިތްހަމަޖެހިފަ އެވެ.

އެ ޖަމިއްޔާގެ ކޯފައުންޑާ މެމްބަރު އަލީ މުއާޒް ބުނީ، އެރޭ އެތަނަށް "ދެ މީހުން އައި ނަމަވެސް ވަރަށް އުފާވާނެ" ކަމަށެވެ. އަދި އެބޮޑު ހިތުގެ ތެރެއަށް ވަތް ގިނަ މީހުންނާ އެކު އެ ޖަމިއްޔާގެ ހަގީގީ މަގްސަދު ހާސިލްކުރެވިފައިވާ ކަމުގައި ވެސް މުއާޒް ބުންޏެވެ.

"ހަގީގަތުގައި މިއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. ދުނިޔޭގެ ރެކޯޑެއް ނޫނަސް މިއީ ރާއްޖޭގެ ރެކޯޑެއް. އަޅުގަނޑުމެންގެ ޓާގެޓަށް ނުދެވުނަސް ވަރަށް ގިނަ ބަޔަކު މިތަނަށް އައުމުން ހޭލުންތެރިކުރުމުގެ މެސެޖް ފޯރުކޮށްދެވިފައި ވަނީ." އޭނާ ބުންޏެވެ.

ހިތުގެ ބަލި ހުންނަ 200 އެއްހާ ކުދިން ފާހަގަކުރެވިފައިވާއިރު އޭގެ ތެރެއިން 66 ޅަފުރާނަ ސަލާމަތްކުރަން އަގުބޮޑު އޮޕަރޭޝަން ކުރަން ވަނީ ޖެހިފައި އެވެ. އެހެންކަމުން މިއަދު ޓައިނީ ހާޓްސް އިން ހިންގާ މި ހަރަކާތަކީ، އެ ތުއްތު ކުދިންގެ މައިންބަފައިންގެ ހިތްތަކަށް ވެސް ލިބޭ ލުޔެކެވެ. ދަރިފުޅު ސަލާމަތްކުރުމަށްޓަކައި ލިބޭ އުއްމީދެކެވެ.

މުއާޒް ބުނި ގޮތުގައި، މަސް ދުވަހުގެ ކެމްޕޭނުން ލިބުނު އެހީ އަދި އެއްކޮށް ސާފެއް ނުވެ އެވެ. ނަމަވެސް، އެ އަދަދު ހަމަކޮށް، އާއްމުންނަށް ހާމަކުރާނެ ކަމަށް ބުންޏެވެ. އަދި އެ ފައިސާ ދޫކުރާނީ ޑޮކްޓަރުންނާއި ތަޖުރިބާކާރު ބޭފުޅުން ހިމެނޭ މިނިވަން ކޮމިޓީއެއްގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެހީ ދޫކުރާނީ ރެޖިސްޓާޑް ޕޭޝަންޓްސް އަށް. ފައިސާ ދޫކުރާނީ އިންޑިޕެންޑެންޓް ކޮމިޓީއެއްގެ އެޑްވައިސްއާއެކު. އޭގައި ވާގޮތަކީ ކުއްޖާގެ ނީޑްސް ]ބޭނުންތައް[ އެސެސްކޮށްފައި، ޑޮކްޓަރުން އެޑްވައިސްކުރާނީ އިސްކަންދޭންވީ ކޮން ކުއްޖަކަށްކަން،" މުއާޒް ބުންޏެވެ.

އަދި އެޖަމިއްޔާއިން ފޯރުކޮށްދޭ އެހީގެ އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް އެކުދިންގެ ބެލެނިވެރިންނަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ހިތުގެ ބަލީގެ ޝިކާރައަކަށްވި މައުސޫމް ތުއްތު ކުއްޖެއްގެ މައިންބަފައިން، އަލީ މުއާޒް އަދި ފާތުމަތު ހިޝްމަތު ފާއިޒުގެ ފެށި ޓައިނީ ހާޓްސްގެ ދެ އަހަރުގެ ހަޔާތުގައި، ގިނަ ބަޔައްގެ ހިތްތަކައި މިވަނީ ކުޅެލައިފަ އެވެ. އެ ޖަމިއްޔާގެ ކެމްޕޭނުތަކަށް ތައުރީފް ހައްގެވެ. މަދަނީ މުޖުތަމައިގައި މަދު ދުވަސްތަކެއްގެ ތެރޭ ހޯދާފައިވާ ކުރިއެރުމަކީ، ތަފާތު މަގުސަދުތަކުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ހުރި މިސާލެކެވެ. ރެކޯޑެކެވެ.

ބޮޑު ހިތުގެ ތެރޭ ހުރި ރައްޓެއްސަކު ބުނީ ހަމަ ތެދެކެވެ: "ކޮންމެ ކަމެއް ވެސް އަސްލު ކުރެވޭނެދޯ؟ ބޭނުންވަނީ ހެޔޮ ހިތެއް."