އައްޑޫ ސިޓީގެ ހިތަދޫއަށް ރޭ އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެ ސިޓީއަށް ޚާއްސަ ވަފްދެއް ފޮނުވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިސްކޮށް ހުންނަވާ އެ ވަފްދު މިއަދުގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވަފްދުން ހިތަދޫ ރައްޔިތުންގެ ހާލު ބަލައި ލިބުނު ގެއްލުންތައް ބަލާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައްޑޫ ސިޓީގެ ހާލަތު ބެއްލެވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ވަނީ އެ ސިޓީގެ މޭޔަރަށް ގުޅުއްވައި މައުލޫމާތު އޮޅުންފިލުވާފަ އެވެ.

ހިތަދޫ ދެކުނު ސަރަހައްދަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލާފައިވެއެވެ. އަދި އެ ގެތަކުގައި ދިރިނޫޅެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.