މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުރި އިމާރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި އަދި ސްކޫލްތަކައްގައި ގާއިމްކޮށްފައިވާ އަލިފާން ނިވާ ސިސްޓަމްތައް ބާވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ލެފްޓިނެންޓް އާދިލް ނައީމް އިއްޔެ ވިދާޅުވީ އިމާރާތްތައް ހަދާއިރު އަލިފާން ނިވާ ސިސްޓަމްތައް ހަރުކުރާ ކަމަށާއި ނަމަވެސް އޭގެ ފަހުން އެއަށް ސަމާލުކަން ނުދޭތީ އިމާރާތް ނިމޭތާ ހަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިސްޓަމްތައް ހަލާކުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަންކަން މޮނިޓާ ކުރާނެ ފަރާތެއް ނެތުމުން ގިނަ ފަހަރު އެފަދަ ސިސްޓަމްތައް އާނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ބިލްޑިންގ ކޯޑެއް ނެތް އިރު އޮތް، މިހާރު ހަދާފައިވާ ގަވައިދުވެސް އޮތީ ހަމައެކަނި ސަރުކާރުގެ އިމާރާތްތަކަށް އެކަނި ކަމަށް ވުމުން، އޭގެން އެހެން ފަރާތްތައް އިސްތިސްނާވާ މައްސަލަ ނައީމް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ އިމާރާތްތައް އެޅުމުގެ ކުރިން އިމާރާތުގެ ޑިޒައިން ފަޔަރް އެންޑް ރެސްކިއު އިން އެޕްރޫވް ކުރަން ޖެހޭ ނަމަވެސް، އެތަންތަނަށް ފަހުން ގޮސް ބަލާއިރު، ހަރުކޮށްފައިވާ އަލިފާން ނިވާ ނިޒާމްތައް ހުންނަނީ ހަލާކުވެފައި ކަމަށެވެ.

" އިމާރާތްތައް ނިމި ހުޅުވާއިރު ރަގަނޑު ކޮންޑިޝަންގައި ހުއްޓަސް ، އެއަށް )އަލިފާން ނިވާ ސިސްޓަމަށް( ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ނުވަތަ އެއީ މާމުހިއްމު އެއްޗެސް ކަމުގައި ނުދެކުމުގެ ސަބަބުން އެއިމާރާތްތައް ހަދާ ނިމޭތާ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ސިސްޓަމްތައް ހަލާކުވޭ، މިހާރުވެސް ސަރުކާރުގެ ގިނަ އިމާރާތްތަކުގައި ހުރި ސިސްޓަމްތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެއްވެސް ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރެވޭ ހާލަތެއްގައި ނެތް ކަމަށެވެ.

"މިހާރުވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުރި ގިނަ އިމާރާތްތަކުގައި ހުރި ފަޔަ ސިސްޓަމްތައް ހުރީ ހަލާކުވެފައި، ހާއްސަކޮށް ސަރުކާރުގެ ސްކޫލްތަކުގައި ހުރި ހުރިހާ ސިސްޓަމްތައް ހުރީ ހަލާކުވެ ބޭނުން ނުކުރެވޭ ހާލަތުގައި،" ނައީމް ވިދާޅުވިއެވެ. "މިއީ ހަމަ ހޭލުންތެރިކަން ކުޑަވުމުން ދިމާވާ ކަންތައްތައް،"

ނައީމް ވިދާޅުވީ، މީހުން ހޭލުންތެރި ކުރުވަން އެމްއެންޑީއެފުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު 5000 ނުވަތަ 8000 މީހުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ. ހުރިހާ ސްކޫލްތަކެއްގައި ގަވައިދުން ކޮންމެ އަހަރަކު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އަލިފާން ނިވާ ސިސްޓަމްތައް ހުރީ ރަނގަޅަށްތޯ ބަލައި، ރަނގަޅު ކޮށްދިނުމުގެ ހިދުމަތް އެއްވެސް އަގެއް ނުނަގައި ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އެ ހިދުމަތް ހޯދަނީ މަދު ފަރާތްތަކެކެވެ.

އަލިފާން ނިވާ ސިސްޓަމްތައް ހުރި ނަމަވެސް އޭގެ ބޭނުންކުރަން އިމާރާތުގައި އުޅޭ މީހުންނަށް ނޭނގުމަކީ ވެސް ވަރަށް ގިނައިން ދިމާވާ މައްސަލައެއް ކަމުގައި ނައީމް ވިދާޅުވި އެވެ. އެގޮތުން އަލިފާނުގެ ހާދިސާއެއް ހިނގުމުން ގުޅަންވީ ކޮންތަނަކަށް ކަން ވެސް ބައެއް މީހުންނަށް ނޭނގޭ ކަމަށާއި އަމިއްލައަށް ނިއްވޭނެ ކަމުގެ ޔަގީންކަން ނެތި ނިއްވަން މަސައްކަތް ކުރުމަކީ ވެސް ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވެފައިވާ މައިގަނޑު ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަހަކަށް އައިސް ހިނގާފައިވާ އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައި ވަނީ "ފަރުވާކުޑަވުމުގެ" ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަލިފާނުގެ ގިނަ ހާދިސާތައް ހިނގާފައި ވަނީ ހޭލުންތެރިކަން ކުޑަވުމާއި ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން، ބުނެވިދާނެ ހަމަ ފަރުވާ ކުޑަކަމުންނޭ. މިސާލަކަށް ބާބެކިއު ހެދުމުގެ ތެރޭގައި އެހިނގި ހާދިސާގައި ދެމީހުން އެނިޔާވީ، އެހާދިސާ ހިނގާފައި އެވަނީ އަލިފާން ރޯކޮށްފައި ބަހައްޓައިގެން އެއަށް ތެޔޮ އެޅުމުގެ ސަބަބުން، މީ ހަމަ އެންމެންނަށްވެސް އެނގޭ ކަންތައްތައް،" ނައީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޑޯނާޑުގެ މުވައްޒަދުން ދިރިއުޅޭ އެޕާޓްމަންޓްގައި އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުރި އެ އެޕާޓްމަންޓުގައި ރޯވި ހުޅުގަނޑު ނިއްވާލުމަށް ފަސޭހަ ވާނެ ގޮތަށް އިމާރާތްކޮށްފައި ނެތުމުން ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. އެ މައްސަލަ އެހެން ގޭގޭގައި ދިމާވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް މިއަހަރުތެރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގައި، މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. އެގޮތުން މިދިޔަ މާޗް މަހު މ. އޯކިޑްގޭގައި ހިނގި ހާދިސާގައި ދެމައިން މަރުވެފައިވާއިރު، މެއި މަހުގެ 26 ވަނަ ދުވަހު ގ. ސާލިމިއްޔާ ގޭގައި ހިނގި ހާދިސާގައި މުޅި ގެ ވަނީ އަނދައި ހުލިވެފަ އެވެ.