18 May 2017, 08:49
އިންތިޚާބު ކާމިޔާބުކުރުމުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގެ ތަޖުރިބާ ހުންނެވި ބޭފުޅަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ހަރުގޭގައި ސަރުކާރުު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަކީ، ހިތްވަރު ދެރަވެގެން މަސައްކަތް ހުއްޓާލަން ޖެހޭ ވަރުގެެ ކަމެއް ނޫން ކަމަށެވެ.
ޒަމީރު ވިދާޅުވީ 2008 ވަނަ އަހަރު ޑީއާރުޕީގެ ދުވަސްވަރު ރިޔާސީ އިންތިޚާބު އެޕާޓީއަށް ނާކާމިޔާބުވި ނަމަވެސް، މިހާރުގެ ރައީސް އަބްދުﷲ ޔާމީން އޭރު ނުކުމެވަޑައިގެން މަސައްކަތް ކުރެއްވި ދާއިރާތަކުން ހުންނާނީ ކާމިޔާބު ހޯދާފައި ކަމަށެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ 2009 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބު އައި އިރު، ޑީއާރުޕީގެ ތެރެއިން ގިނަ ބަޔަކު ވަކިވެ، "ލީޑަރުން ވިއްސިވިހާލިވެގެން ދިޔައީ" ކަމަށެވެ. އެ ހާލަތުގައި ވެސް އިންތިޚާބު ކާމިޔާބުކުރެވޭނީ އެންމެން ކުރިމަތިލައިގެން ކަމަށް ވިސްނައި، މަހެއްހާ ދުވަހުން މަސައްކަތްކޮށް އެފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ކާމިޔާބުކުރި ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އެހެންވީމާ އިންތިޚާބު ކާމިޔާބުކުރުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަރުގެ ތަޖުރިބާ ހުންނެވި ބޭފުޅަކު ރާއްޖޭގައި ނުހުންނާނެ،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ރައީސް ޔާމީން މިހާރު ރާއްވަވާފައި ވަނީ، ކުރިޔަށް އޮތް ދެ ތިން ހަފްތާ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކާއި ދާއިރާތަކުގެ ޖަހަގަތައް ގުޅާލުމަށް ކަމަށެވެ.
"އެމްޑީއޭ، ޑީއާރުޕީ އަދި ޕީޕީއެމް ގުޅިގެން މަސައްކަތްތައް ކުރިޔަށް ދަނީ. ޖަގަހަތައް ގުޅިގެން ދާނެ. ޕާޓީގެ އިސްވެރިންނާއި ދާއިރާތަކާ ގުޅޭނެ ގޮތް ވާނެ،"
ޒަމީރު ވިދާޅުވީ މޮޅުވުމާއި ބަލިވުމާއި، ކުޑަ ނުވަތަ ބޮޑު ޕާޓީ ނުވަތަ ކޯލިޝަނުގައި ހުރުމުގެ ހުރިހާ ތަޖުރިބާއެއް ޕީޕީއެމްގައި އެބަ އޮތް ކަމަށެވެ.
"އިތުރަށް ދަންނަވާނެ ވާހަކައެއް ނެތް. އިރާދަކުރެއްވިއްޔާ 2018 އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ޒަމީރު ވިދާޅުވި އެވެ.