ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނުދާއިރާގެ އަހްމަދު މަހްލޫފާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދުގެ ނަން އިއްވައި ޖަލްސާ އިން ނުކުންނެވުމަށް އެންގެވުމުން ވެސް އެ މެންބަރުން ޖަލްސާއިން ނުނިކުންނެވުމާއި ރިޔާސަތުގެ ކުރިމައްޗަށް ބައެއް މެންބަރުން ވަޑައިގެން އަޑުގަދަ ކުރެއްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް މެދުކަނޑާލައިފި އެވެ.

ނުވަގަޑި ތިރީހުގައި ޖަލްސާ މެދު ކަނޑުއްވާލައްވަމުން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ އަހްމަދު ނާޒިމް ވިދާޅުވީ، ނަން އިއްވަވާފައިވާ މެންބަރުން ޖަލްސާއިން ނުކުންނެވުމަށާއި ޖަލްސާ ކުރިއަށް ނުގެންދެވޭވަރަށް ނިޒާމު ގެއްލިފައިވާތީ ޖަލްސާ މެދު ކަނޑުއްވާލައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނު ވަގުތު މެންބަރުން ނިޒާމީ މައްސަލަ ނަންގަވަން ނުފެއްޓެވި ނަމަވެސް، ޖަލްސާގެ ވަކި ހިސާބަކުން ޒެޑް ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވަން ފައްޓަވައިފަ އެވެ. އެގޮތުން ޑެންގީހުން ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައި، ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް ވޯޓަށް އެހުމަށްފަހު އެ މައްސަލައާމެދު ވާހަކަ ދެއްކުމަށް ރިޔާޒަށް ފުރުސަތު ދެއްވި ހިސާބުން ތަޅުމުގައި މަޑުމަޑުން އަޑު ގަދަ ވާން ފެށި އެވެ. އެކަމުގެ ސަބަބުން މައްސަލައަށް ވާހަ ދެއްކޭނެ މާހައުލެއް ގާއިމް ކޮށްދިނުމަށް ރިޔާޒު ރިޔާސަތުގައި އެދިވަޑައިގެންނެވި އެވެ.

ޖަލްސާގައި އިތުރަށް އަޑުގަދަވެގެން ދިޔައީ، ކުއްލި މައްސަލައާބެހޭގޮތުން ހުޅުހެންވޭރު ދައިރާގެ ރީކޯ މޫސަ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އެހިސާބުން މެންބަރުން ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރެއްވި ނަމަވެސް ނިޒާމީ މައްސަލައަށް އެއްވެސް މެންބަރަކަށް ރިޔާސަތުން ފުރުސަތު ދެއްވައިފައެއް ނުވެ އެވެ. އެ މެންބަރުންނަށް ޖަވާބު ދެއްވަމުން ނާޒިމު ވިދާޅުވީ ނިޒާމާބެހޭ މައްސަލައެއް ޖަލްސާގައި ހިނގަމުން ނުދާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މަހްލޫފަށާއި އިލްހާމްގެ ނަން އިއްވެވުމުގެ ކުރިން އެ ދެ މެންބަރުންގެ އިތުރުން ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދަށާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފް މަޖިލީހަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ރިޔާސަތުން ތަކުރާރުކޮށް އިންޒާރު ދެއްވި އެވެ. އަދި ރިޔާސަތުގެ ކުރިމައްޗަށް މެންބަރުން ވަޑައި ނުގެންނެވުމަށާއި، ނަން އިއްވެވި މެންބަރުން ވަގުތުން ޖަލަސާ ދޫކުރައްވައި ނިކުމެވަޑައިގެންނެވުމަށް ވެސް ރިޔާސަތުން ތަކުރާރުކޮށް އެންގެވި އެވެ.