17 May 2017, 22:53
އައްޑޫ ސިޓީގެ ހިތަދުއަށް މިރޭ ނަގޫރޯޅިއެއް އަރައި، މީހުންނަށް ނޫޅެވޭ ވަރަށް ބައެއް ގޭގެއަށް ގެއްލުންތަކެއް ވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ސަން"އަށް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ސޯބެ ވިދާޅުވި ގޮތުގައި، ނަގޫރޯޅި އަރާފައިވަނީ ހިތަދޫ މެދުތެރޭގެ ސަރަހައްދަކަށެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ ގާތްގަނޑަކަށް 12 ގެޔަށް ގެއްލުންވެ، މީހުންނަށް ނޫޅެވޭ ވަރު ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާކަމަށް ސޯބެ ވިދާޅުވިއެވެ.
"ގޭގޭގެ ފުރާޅު އެއްލާލާފައިވޭ. ދެ ގަހެއް ވެއްޓުނު. ވަރަށް ނަސީބުވެރި، އެއްވެސް ގެއަކުން މީހަކަށް ގެއްލުމެއް ނުވޭ. ބާރަ ވަރަކަށް ގެއަށް ބޮޑެތި ގެއްލުންވެ، ގޭގޭގައި މީހުންނަށް ނޫޅެވޭ ވަރު ވެފައި ވަނީ،" ސޯބެ ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދެނީ ގޭގޭގައި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، ބައެއް މީހުން އަމިއްލަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އިރު، އިންތިޒާމު ހަމަނުޖެހޭ ފަރާތްތަކަށް އެކަން ކޮށްދިނުމުގެ މަސައްކަތް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ އިރުޝާދުގެ ދަށުން ހުރިހާ މުއައްސަސާއެއް ގުޅިގެން ކުރަމުންދާ ކަމަށް މޭޔަރު ސޯބެ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން، ފުލުހުންނާއި އެމްއެންޑީއެފް އަދި ހައުސިންގް މިނިސްޓްރީން ހިތަދޫގައި ދަނީ ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެސަރަހައްދުގައި އެމްއެންޑީއެފުންވެސް ގެންދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
ކެޕްޓަން އާޒިމް ވިދާޅުވީ ތިން ގެއެއްގެ މައްޗަށް ބޮޑު ދެ ގަސް ވެއްޓިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ސަދަން އޭރިއާއާއި ހިތަދޫ ފަޔަރ ސްޓޭޝަނުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށާއި، ފުރާޅު އެއްލާފައިވާ ގެތަކުގެ ފުރާޅު ރަނގަޅު ކުރުމާއި، ވެއްޓިފައިވާ ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ އިރު، އައްޑޫ ސިޓީއަށް މިއަދުން ފެށިގެން ދަނީ ވާރޭ ވެހެމުންނެވެ.