ކުޑަކުދިންނަށް ކުރާ އަނިޔާތައް ރިޕޯޓުކުރުމަށް ގާއިމުކޮށްފައިވާ ހެލްޕްލައިނަށް މިއަހަރުގެ ތެރޭގައި 171 ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޗައިލްޑް ހެލްޕްލައިން ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނާ ގޮތުން، 2009 ވަނަ އަހަރު ރާއްޖޭގައި ގާއިމުކުރި "1412" ހެލްޕްލައިން މެދުވެރިކޮށް، އަނިޔާއާއި އިހުމާލުގެ މައްސަލަތަކުގައި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް ޚިދުމަތް ފޯރުކޮށްދެމުން ދެއެވެ.

މިނިސްޓްރީން ބުނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަސް ތެރޭގައި 171 މައްސަލަ، ހެލްޕްލައިނަށް ރިޕޯޓުކޮށްފައިވާ އިރު، އޭޕްރިލް މަހުގެ ތެރޭގައި އެކަނިވެސް، ކުޑަކުދިން ޗައިލްޑް ހެލްޕްލައިނަށް ގުޅައި، 66 ރިޕޯޓެއް ކޮށްފައިވާ ކަމަށެވެ.

"އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅޭ މައްސަލަތައް. މީގެ އިތުރުން އިހުމާލުވުން، ޖިސްމާނީ އަނިޔާ، ނަފްސާނީ އަނިޔާ އަދި ހަނގާކުރުމުގެ މައްސަލަތައްވެސް ރިޕޯޓުކޮށްފައިވޭ،" އެ ބަޔާނުގައި ވެއެވެ.

ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނީ، ހެލްޕްލައިނުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، ކޯލް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ހެލްޕްލައިނަށް ރިޕޯޓުކުރާ މައްސަލަތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަަކެއް ކުރިޔަށް ދެންދާ ކަމަށެވެ.