ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް ޓަކައި މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތުރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެޗްއާރުސީއެމް އެކުލެވިގެންވާންޖެހޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އަދި އެ ކޮމިޝަނަށް މެމްބަރުން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވެފައި މިވަނީ، އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) އެ ކޮމިޝާންގެ މެމްބަރު ކަމުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ހަ ވަނަ މާއްދާގައި ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި، ހުންނަންވާނެ ސިފަތައް:

  1. މުސްލިމަކު ކަމުގައިވުން

  2. ދިވެހި ރައްޔިތަކު ކަމުގައިވުން
  3. އުމުރުން 25 އަހަރު ވެފައިވުން
  4. އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  5. ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  6. ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
  7. ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  8. ސިޔާސީ ޕާޓީއެއްގެ މެމްބަރުކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން

ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވާގޮތުން، އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.