17 May 2017, 16:41
ކިންޝަސާ (މެއި 17): ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރަސޫލެއް ކަމަށް ބުނާ މީހަކަށް ތަބާވާ ބަޔަކު ޖަލަށް ވަދެ، އޭނާ ސަލާމަތްކޮށްފި އެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ނަސާރާ ދީނުގެ ސެކްޓަކަށް ނިސްބަތްވާ ބަޔަކު ވަނީ ޖަލަށް ވަދެ، ނެ މުއަންޑާ އެންސެމީ އާއި އިތުރު 50 ވަރަކަށް ގައިދީން ޖަލުން މިނިވަންކޮށްފަ އެވެ. އެހާދިސާގައި ފުލުހުން ވަނީ ބައެއް މީހުންގެ ގަޔަށް ބަޑި ޖަހާ މަރާފައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.
އަދި ޖަލުން ފިލި މީހުން ހޯދުމަށް ކޮންގޯގައި ބޮޑު އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެންސެމީ އަކީ ކޮންގޯގައި ރަސްކަމެއް ގާއިމު ކުރުމަށް ތާއިދު ކުރާ ގާނޫނާ ހިލާފު ޖަމާއަތެއް ކަމަށްވާ ބުންޑޫ ޑިއާ ކޮންގޯގެ ލީޑަރެކެވެ. އަދި މާޗް މަހު އޭނާ އާއި އޭނާގެ ތިން އަނބިންނާއި ފިރިހެން ދަރިފުޅު ހައްޔަރު ކުރީ އޭނާ އަށް ތާއިދު ކުރާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.
އެންސެމީ ހައްޔަރު ކުރި އިރު އޭނާއަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޮންގޯގެ އިރުމަތީގައި ހުންނަ ޖަލަކުން އެންމެ ގައިދީއެއް ފިޔަވާ ހުރިހާ ގައިދީން ފިލާފައިވެ އެވެ. އޭގެ ތެރޭގައި މީހުން މެރުމުގެ ސަބަބުންނާއި ރޭޕް ކުރުމުގެ ސަބަބުން ޖަލަށްލި މީހުން ހިމެނުނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެގައުމުގެ ގިނަ ޖަލުތައް ފުރިފައިވީ ނަމަވެސް، ޖަލުގެ ސަލާމަތީ ކަންތައްތައް އެކަށީގެންވާ ވަރަށް ނުބެލެހެއްޓޭ ކަމަށް ބުނެފަ އެވެ. (ބީބީސީ)