17 May 2017, 16:07
އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑުގެ ކޮމާންޑަރަކަށް މޭޖާ ރިޓަޔާޑް އަހުމަދު ފައިސަލް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑީގާޑެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ފައިސަލް އަކީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑަރުކަން ތިން އަހަރު ކުރައްވާފައިވާ ސިފައިންގެ އިސް އޮފިސަރެކެވެ.
އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑަރަކަށް އެންމެ ފަހުން ހުންނެވީ މޭޖާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. އޭނާއަށް މަގާމް ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ނަމުގައި އިދާރާއެއް ރައީސް އަބްދުﷲ ޔާމީން އުފައްދާފައިވަނީ 2013 ވަނަ އަހަރުއެވެ.
ރައީސަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެ އިދާރާ އުފެއްދީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާބެހޭ އެންމެހާ ހިދުމަތްތައް ފޯރުކޮށްދޭނެ މިންގަނޑުތަކާއި ފެންވަރުތައް ކަނޑައެޅުމާއި އެ މިންގަނޑުތަކާއި ފެންވަރުތައް ހިފަހައްޓަމުން ގެންދޭތޯ ބެލުމަށެވެ.