ފްލައިޓެއްގައި އެކަނި ނުކުމެ ދުނިޔެ ވަށާ ބުރު ޖަހާ އެންމެ ހަގު އަންހެނާގެ ރެކޯޑް ހޯދުމަށް އަފްޢާން އަންހެނަކު ނުކުމެއްޖެ އެވެ.

އަފްޣާނިސްތާނުގައި ކުރިއަށްދިޔަ ސޯވިއެޓް ހަނގުރާމަ ނިމުނު ދުވަސްވަރު ރެފިއުޖީ ކޭމްޕަކަށް އުފަންވި އުމުރުން 29 އަހަރުގެ ޝާއިސްތާ ވާއިޒް އޭނާގެ އާއިލާއާ އެކު އެމެރިކާއަށް ހިޖްރަ ކުރީ 1987 ވަނަ އަހަރު އެވެ.

އެމެރިކާގައި ބޮޑުވަމުން ދިޔަ ދުވަސްވަރު އުދުހުމަށް ވާއިޒް ޝައުގުވެރިކަން އުފެދި ޕައިލެޓް ލައިސެންސް ނެގި އެވެ. އަދި މިއަދު އޭނާއަކީ އަފްޣާނިސްތާނުގެ އެންމެ ޒުވާން ސެޓިފައިޑް އަންހެން ޕައިލެޓެވެ.

ދުނިޔެ ވަށާ ބުރު ޖަހާ އެންމެ ހަގު އަންހެނާގެ ރެކޯޑް ހޯދުމަށް ނުކުތް ވާއިޒްގެ ދަތުރު ދައްކައިދޭ މެޕެއް ---

ވާއިޒް އޭނާގެ ދަތުރުފެށީ ފްލޮރިޑާގެ ޑޭޓޯނާ ބީޗް އިން މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ދަތުރުގެ މެޕް ދައްކާގޮތުން އޭނާ ގާތްގަނޑަކަށް 25،800 ކިލޯމީޓަރު (16،000) މޭލު ދަތުރުކޮށް 18 އަށްވުރެ ގިނަ ގައުމެއްގެ 30 މަންޒިލަށް މަޑުކުރާނެ އެވެ.

އޭގެ ތެރޭގައި ސްޕެއިން، މިސްރު، އިންޑިއާ، ސިންގަޕޫރު އަދި އޮސްޓްރޭލިއާ ހިމެނޭއިރު، ދަތުރު ނިންމާލުމަށްފަހު އެނބުރި ފްލޮރިޑާއަށް ޖައްސާނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ވާއިޒްގެ ދަތުރުގައި މަޑުކުރާ މަންޒިލްތަކުގައި އޭނާ ދަތުރަށް އެއްބާރުލުންދޭ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯ) އިން ސައިންސް އަދި އެއޮރޯނޮޓިކްސްއަށް ސްކޫލް ކުދިން ޝައުގުވެރިކުރުވުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ވެސް ވަނީ ނިންމާފަ އެވެ.

އިކާއޯގެ ހިސާބުތައް ދައްކާ ގޮތުން ކޮމާޝަލް ޕައިލެޓުންގެ ގޮތުގައި އުޅޭ އަންހެނުންގެ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަދެވެ.