ފްރެންޗައިސް އުސޫލުން ރާއްޖޭގައި ބޭއްވި ފުރަތަމަ ޝޯވ، މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ އަދި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޝަލަބީ އިބްރާހިމްގެ ވަރުގަދަ ޝޯއެއް ބޭއްވުމަށް ކ. މާފުށި ތައްޔާރުވާން ފަށައިފިއެވެ.

މިއީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ކާމިޔާބު ކުރި މުހައްމަދު ތަސްމީން (ބޮބް)ގެ އުފަން ރަށުގައި ޝަލަބީ ޝޯވ ދޭ ފުރަތަމަ ފަހަރެވެ.

ޝަލަބީގެ ޝޯ އިންތިޒާމް ކުރާ މާފުށީގެ ހޮޓެލް އޮޕަރޭޓަރެއް ކަމަށްވާ އެރީނާ ހޮޓެލްސްގެ ޖެނެރަލް މެނޭޖަރު މޫސާ އުމަރު މަނިކު މިއަދު ވިދާޅުވީ، މިއީ އެ ހޮޓެލްގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

އެގޮތުން ލައިވް މިއުޒިކާއި ޑީޖޭ އާއެކު އަންނަ ހުކުރު ދުވަހުގެ ރޭ އެރީނާ ބީޗް ހޮޓެލްގެ ބީޗުގައި ބާއްވާ ޝޯގައި ޝަލަބީގެ އިތުރުން ބޮބް ވެސް ބައިވެރިކުރުމަށް ޕީއެސްއެމްއާއެކު ވާހަކަދައްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޝޯގައި ބޮބް ބައިވެރިވާނަމަ މިއީ ޝަލަބީ އާއި ބޮބް އެކުގައި ފެނިގެންދާނެ ދެވަނަ ފަހަރެވެ. ގިނަ ބައެއް ހިތްތަކުން ޖާގަ ހޯދާފައިވާ އެ ދެ ތަރިން ވަނީ މޯލްޑިވިއަން އައިޑޮލްގައި ވަރުގަދަ ޑުއެޓެއް ހުށަހަޅައިދީފައެވެ. އަދި އެ ލަވަ ވެގެން ގޮސްފައިވަނީ މިއަހަރުގެ ސީޒަންގައި ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ލަވައެވެ.

މޫސަ ވިދާޅުވީ، ޝޯ ބަލާލުމަށް މާލެއިން މާފުއްޓަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހޮޓަލުން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ ތިން ގަޑިއެއްގައި މާލެއިން މާފުއްޓަށް ދިއުމަށް ލޯންޗު ބާއްވާފައިވާއިރު، މާފުށިން މާލެ އައުމަށް އެރޭގެ ދެ ގަޑިއެއްގައި ލޯންޗު އޮންނާނެ އެވެ.

މާލެއިން ޝޯ ބެލުމަށް މާފުއްޓަށް އަންނަ މީހުންނަށް އެރޭގެ ޑިނާ ނައިޓާއެކު ޓިކެޓްގެ އަގަކީ އެންމެ 485 ރުފިޔާ އެވެ. އަދި މާފުށީގެ ރައްޔިތުންނަށް ޓިކެޓް ވިއްކަނީ 185 ރުފިޔާއަށެވެ.

މޫސަ ވިދާޅުވީ، ޝޯ ބަލާލުމަށް މާފުއްޓަށް އަންނަ މީހުންނަށް ހުރުމުގެ އިންތިޒާމް ހަމަޖައްސާފައި ނުވި ނަމަވެސް އެ ހޮޓެލުން ދިވެހިންނަށް ހުޅުވާލާފައިވާ ހާއްސަ ޕެކޭޖްތައް ނަންގަވަން ބޭނުންވާނަމަ، ހޮޓެލްގެ ޖާގަ ހުރި މިންވަރަކުން ކޮޓަރި ދޫކުރަމުންދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝޯއަށް ލިބޭ ތަރުހީބު ވެސް ވަރަށް ރަނގަޅެވެ. އެގޮތުން ޝޯއަށް 300 ޓިކެޓް ޕްރިންޓްކުރި ނަމަވެސް، އިތުރު ޓިކެޓް ޕްރިންޓް ކުރަން ޖެހިދާނެ ކަމަށާއި މާލެ އިން ވެސް ޝޯއަށް އަންނަން ބޭނުން ވެގެން ގިނަ ބަޔަކު ގުޅަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.

ޝަލަބީގެ ޝޯއާއެކު ބާއްވާ ހާއްސަ ޑިނާ ނައިޓްގައި ބޮޑެތި އިނާމްތަކަކާއެކު ލަކީ ޑްރޯއެއްވެސް ކުރިއަށްދާނެއެވެ.

އެގޮތުން އެއް ވަނަ އިނާމެއްގެ ގޮތުގައި އެރީނާ ހޮޓެލްސް އިން ދެ ބޭފުޅަކަށް ފުލް ބޯޑްކޮށް ދެ ރޭގެ ހުރުން ލިބިގެންދާއިރު، ދެވަނަ އަދި ތިން ވަނަ އަށް ހޮވޭ ފަރާތަށް ވެސް އަގުހުރި އިނާމްތަކެއް ދިނުމަށް އެރީނާ ހޮޓެލްސް އިން ވަނީ ނިންމާފައެވެ.

އެރީނާ ހޮޓެލްސް ވުޖޫދަށް އައީ ހަތަރު ކޮޓަރިއާއެކު 2010 ވަނަ އަހަރު ހުޅުވި އެރީނާ ލޮޖް ހޮޓެލާއެކުއެވެ. މިއަދު އެރީނާ ހޮޓެލްސްގެ ދަށުން މާފުށީގައި ހަތަރު ގެސްޓް ހައުސްއެއް ދަނީ ހިންގަމުންނެވެ.

އެ ގެސްޓް ހައުސްތަކުގައި ޖުމްލަ 60 ކޮޓަރި ހިމެނޭއިރު، ހަ ކެޓަގަރީއެއްގެ އެ ކޮޓަރިތަކުގެ އަގުތައް އުޅެނީ ރެއަކަށް 50 ޑޮލަރުން ފެށިގެން 225 ޑޮލަރާ ދެމެދުއެވެ.